ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.
މި އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފަރެސްމާތޮޑާ އެއާޕޯޓަށް މިމަހު 13 ވަނަ ދުވަހު ވަނީ ޓެސްޓު ފްލައިޓު ޖައްސާފަ އެވެ.
އެގޮތުން ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.
މޯލްޑިވިއަން އިން ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް މި މަހުގެ 16 އިން 19 އަށް ޕްރޮމޯޝަނަލް ފެއާއެއްގައި ދަތުރުކުރުމަށް ހުޅުވާލާފަ އެވެ.
މޯލްޑިވިއަން އިން ބުނީ ޓިކެޓް ބުކްކުރުމަށް ހުޅުވާލާފައިވާ ކަމަށާއި ވަންވޭ ޓިކެޓު 1,574 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ރިޓާން ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓު މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި ޓެކްސީވޭ އެއް ވަނީ ހަދާފަ އެވެ. އަދި އޭޕްރަންއަކާއި ފަޔަރ ޕެޑް އަދި ފަރޔާ ރޯޑެއް ގާއިމުކޮށްފައި ވެއެވެ.
މީގެ އިތުރުން ފަޔަރ ބިލްޑިންގ އަކާއި ޓަރމިނަލް ބިލްޑިންގ އެއް ވެސްވަނީ ގާއިމް ކޮށްފަަ އެވެ.
މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.