English Edition
Dhivehi Edition

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޭދޫ ސްކޫލަށް ހަދިޔާކުރެއްވި ސްކޫލް ބަސް ރަސްމީކޮށް އެސްކޫލާ މިއަދު ހަވާލުކޮށްފިއެވެ.

އެ ބަސް ސްކޫލާ ރަސްމީކޮށް ހަވާލުކޮށް ދެއްވީ ގައުމީދުވަސް ފާހަގަކުރުމަށް އެސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައިޅައިފައި ހުންވާ ސަފީރެވެ.

ފޭދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. މި ބަހަކީ އައިބީގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު ލިބުނު ބަހެއް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ގައުމީދުވަސް ފާހަގަ ކުރަން އެސްކޫލުގައި މިއަދު ބޭއްވި ހަރަކާތްތައް ޝަރަފްވެރި ކޮށްދެއްވީވެސް ޗައިނާ ސަފީރެވެ. “މިއީ ފޭދޫ ސްކޫލުގެ ޕީޓީއޭއާއި ބައްދަލުކުރި ދުވަހެއްގައި ޕީޓީއޭ ގެ ފަރާތުން ހުށަހެޅުއްވި ކަމެއް. ސްކޫލުގެ ދަރިވަރުން އެކިއެކި ކަންކަމުގައި ތަންތަނަށް ދާން ޖެހޭއިރު ދަތުރުތަކަށް ހިނގާ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސްކޫލުގެ އަމިއްލަ ވެހިކަލެއް ހޯދުމުގެ ވާހަކަ އެބޭފުޅުން ހުށަހެޅުއްވި. އޭރު އައްޑޫގެ ދަތުރުފަތުރުގައި ބޭނުންކުރާ ބަހުގެ ޚިދުމަތް ވެސް އެހާ ރަނގަޅަކަށް ފެށިފައެއް ނެތް. ބެލެނިވެރިންގެ އެ އެދިލެއްވުމަށް ކުރިމަސައްކަތުން ލިބިގެން ދިޔަ ބަހެއް މިއީ” މެމްބަރު އައިބީ ކުރިން ވިދާޅުވެފައިވެއެވެ.


މިބަހުގެ ޚިދުމަތް އަދިވެސް ނުފަށައެވެ. ޚިދުމަތް ފަށާނާނީ އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލުން ހަމަޖައްސަންޖެހޭ އުސޫލުތައް ހަމަޖައްސަވައި ނިމުމުންނެވެ. އެބަހުގެ ބޭނުންކުރައްވާނީ އެހެން ސްކޫލްތަކަށްވެސް އެއިން ފަސޭހަތައް ލިބިގެންދާނެ އުސޫލުން ކަމަށް ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވިއެވެ.

މި ބަހަކީ ގާތްގަނޑަކަށް 30 ކުދިންގެ ޖާގައިގެ ބަހެކެވެ.