English Edition
Dhivehi Edition
ފިިޝަރީސް މިނިސްޓްރީން ބޭއްވި ޕްރެސް އެއްގެ ތެރެއިން/ފޮޓޯ ފިޝަރީޒް މިނިސްޓްރީ

ފަސް ރަށެއްގައި އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ފެނަކައާއެކު ފިޝަރީޒް މިނިސްޓްރީން ސޮއިކޮށްފި އެވެ.

ފަންސަވީސް ޓަނުގެ އައިސްޕްލާންޓް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ގދ. ރަތަފަންޑޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫ އެވެ. މިއީ ސައުދީ ފަންޑުގެ އެހީގައި ގާއިމުކުރާ ފަސް އައިސްޕްލާންޓެވެ.

އައިސްޕްލާންޓުތައް ގާއިމުކުރުމަށް ފެނަކައާ މިއަދު ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އައިސްޕްލާންޓުތަކާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ސަރުކާރުން ގާއިމްކުރާ އައިސްޕްލާންޓްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ. އަދި އެއީ އެންމެ އަގުހެޔޮކޮށް ކަރަންޓު ލިބޭނީ ފެނަކައަށް ކަމަށްވާތީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފެނަކައިގެ ސީއީއޯ، އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ފެނަކައާ ހަވާލުކޮށްފައިވާ އައިސްޕްލާންޓްތަކަށް ބޮޑު މައްސަލައެއް ދިމާނުވެ އައިސް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަކީ ކޮންމެހެން މިއަދު ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަމަށް ޓަކައި ކުރަންޖެހޭ ކަންކަންވެސް ކުރަމުންދާކަން ސައީދު ފާހަގަ ކުރެއްވި އެވެ.