English Edition
Dhivehi Edition
ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައި ދިނުން ކަމަށެވެ.

ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މިހާރު ބޮޑުކޮށްފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ޕޭ ހާމަނައިޒޭޝަނުގެ މަސައްކަތުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ޕޭ ކޮމިޝަނުން އެކަމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ވަކި ތާރީޚެއް ރައީސް ވިދާޅެއް ނުވެއެވެ.

ޕޭ ހާމަނައިޒޭޝަނުގެ މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ފުލުހުންނާއި ސިފައިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ “ބްލޫ ހައުސިންގ ސްކީމް”ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ޙަވާލުކުރާއިރު ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.