ޗާގޯސް ގެ މައްސަލައިގާ އިދިކޮޅު ޕީޕީއެމް އިން ބާއްވާ ޚާއްޞަ ޖަލްސާ މިރޭ އޮންނާނެއެވެ.
‘ޗަ ގޯސް’ ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 20:00 ގައި އާޓީފިޝަލް ބީޗު ސަރަހައްދުގައެވެ.
މީގެކުރިން ‘ކޮތަޅު’ ގެ ނަމުގައި ބާއްވަން އޮތް މި ޖަލްސާ ‘ޗަ ގޯސް’ ގެ ނަމަށް ބަދަލުކުރީ ވަގުތާއި ހާލަތު ނިޔާކުރި ގޮތުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުރަހީމް އަބްދުالله (އަދުރޭ) ވަނީ ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން ޖަލްސާ ބާއްވާ ރެއަކީ ކަނޑުތަކާއިބެހޭ ބައިނަލްއާޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލާގައި ނިންމުން ނިންމާ ރޭ ކަމަށާއި އެހެންކަމުން މިއީ އެންމެ މުނާސަބު ނަން ކަމަށެވެ.
އެ ޖަލްސާ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ހިނގަމުންދާ ވަރަށް ގިނަ ކަންކަމާ ގުޅޭ މައުލޫމާތާއި ކަނޑުތަކާބެހޭ ބައިނަލްއާޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅި ސަރަހައްދީ އިމުގެ މައްސަލާގެ މައުލޫމާތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގައި މިރޭ ގޮތް ނިންމުމަށް ހަމަޖެހިފައިވާއިރު، މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
އިދިކޮޅުން ބުނާ ގޮތުގައި މި މައްސަލައިގެ ނިންމުމާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދާނެއެވެ.