English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޭލެވެލް ކިޔަވައިދޭނެ ޓީޗަރުން މަދުވެ ބެލެނިވެރިންނާއި ދަރިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.

އޭއޯ ނިއުސްއަށް މަޢޫލޫމާތު ދިން އެ ރަށު ސުކޫލުގެ ބެލެނިވެރިއަކު ބުނީ، އެ ސުކޫލުގެ އޭލެވެލް އަށް ކިޔަވައިދޭ އެކައުންޓް، ހިސާބު އަދި ކެމިސްޓްރީ ޓީޗަރެއް ނެތް ކަމަށާއި ގްރޭޑް 12 ގެ ކުދިންނަށް ފޯމެޓިވް އެކްޒާމް މޭއި 07 ވަނަ ދުވަހު ފެށޭއިރު އެ ކުދިންނަށްވެސް ޕްރެކްޓިސް ވެވޭނެ އިންތިޒާމާއި ކިޔަވައިދޭނެ ގޮތެއް ފަހިވެފައި ނެތް ކަމަށެވެ.

” އޭލެވެލް ހުރިހާ ޓީޗަރުން ހުސްވަނީ، އޭލެވެލް އަށް ކިޔަވައިދޭނެ ޓީޗަރެއް ނެތް. އެކައުންޓް ޓީޗަރ ފެބްރުއަރީ މަހު ކުރީ ކޮޅުގައި ދިޔަގޮތަށް ޚަބަރެއްނުވޭ. ހިސާބު ޓީޗަރު މިދިޔަ ހަފްތާގަ ގޮއްސި އޭނަގެ ގައުމަށް ފުރާއިގެން، ކެމިސްޓްރީ ޓީޗަރު ކޮވިޑް ޖެހިގެން ގޭގަ. ގްރޭޑް 12 ގެ ކުދިންނަށް އެންމެ މިހިއްމު ވަނީ ފޯމެޓިވް އެކްޒާމް. އެ އެކްޒާމް އަންނަ މޭއި މަހު 07 ވަނަ ދުވަހު ފެށޭއިރު ކުދިންނަށް ޕްރެކްޓިސް އަދި ކިޔެވޭނެ ގޮތެއް ނެތް ކުދިންނާއި ބެލެނިވެރިން ކަންބޮޑުވެފައި މިހެން މިގޮތަށް ދަންޏާ އޭލެވެލް ނަތީޖާ ދާނީ ސުމަކަށް ނޫންތޯ؟” ބެލެނިވެރިޔާ ބުންޏެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒަކީ ރަން ވަނަތަކެއް ހާސިލް ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސުކޫލެއްކަން ފާހަގަވެއެވެ. އެގޮތުން މި ނިމިގެން ދިޔަ އަހަރުގެ އޯ ލެވެލްއިމްތިޙާނުން ނޭޝަނަލް ޓޮޕް ޓެން ގައި 10 ކުދިން ހިމެނިފައިވާ އިރު 80 އިންސައްތަ ކުދިން ވަނީ 05 މާއްދާއިން ޕާސް ވެފައެވެ. އަދި ނިމިގެން ދިޔަ އަހަރުގެ އޭ ލެވެލް ގަވެސް ނޭޝަނަލް ޓޮޕް 10 ގައި 04 ކުދިން ހިމެނުނު ކަން ފާހަގަކޮށްލެވެއެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒަކީ 600 އަށްވުރެ ގިނަ ކުދިން ތައުލީމް ޙާސިލް ކުރަމުންދާ ސުކޫލެކެވެ.