English Edition
Dhivehi Edition

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެނގިފައި އޮންނަނީ އަޞްރު ނަމާދުގެ ވަގުތު ދެމިގެން ވަނީ މަޣްރިބް ނަމާދުގެ ބަންގި އާއި ހަމައަށް ކަމަށާއި ނަމަވެސް އެއީ ގޯހެއް ކަމަށް މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ޣާލިބް ވިދާޅުވެއްޖެއެވެ.

ޝައިޚް ވިދާޅުވީ މާތް ނަބިއްޔާ ގެފަރާތުން އައިސްފައިވާ ހަދީޘްތަކަށް ބަލާލައިފިކަމަށް ވާނަމަ މިކަން އޮތް ގޮތް ވަރަށް ރަނގަޅަށް ދޭހަވާން އެބައޮތް ކަމަށެވެ.

ނަމާދުގެ ވަގުތުތައް އަންގާދީފައިވާ މަޝްޙޫރު ދެ ހަދީޘެއް ވާ ކަމަށާއި އޭގެ ތެރެއިން އެއް ހަދީޘެއްގައި ވާގޮތުން، ނަމާދު ފަރުޟު ކުރެއްވުމަށް ފަހުގައި ޖިބްރީލް އަލައިހިއްސަލާމް ކީރިތި މާތް ނަބިއްޔާގެ އަރިއަހަށް ވަޑައިގެން އެކަލޭގެ ފާނާއި އެކު ދެ ދުވަހެއްގައި ނަމާދު ކުރެއްވެވިއެވެ. އަދި އެންމެ ފުރަތަމަ ދުވަހު ކުރެއްވީ އެ ނަމާދެއް އެ ނަމާދެއްގެ ވަގުތުގައި ކަމަށާއި އަދި ދެވަނަ ދުވަހު ނަމާދު ކުރެއްވެވީ ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ އެންމެ ފަހު ވަގުތުގައި ކަމަށް ޝައިޚް ވިދާޅުވިއެވެ.

އަދި އެންމެ ފަހު ވަގުތުގައި ނަމާދު ކުރެއްވެވި ދުވަހު، މެންދުރު ނަމާދު ކުރެއްވެވީ އަޝްރު ނަމާދުގެ ވަގުތު ޖެހެން ވީމައި ކަމަށާއި ނަމަވެސް އަޝްރު ނަމާދު ކުރައްވަނީ އެ އެއްޗެއްގެ ހިޔަނި އެ އެއްޗެއްގެ ދެ ގުނައަށް އިތުރުވީމާ ކަމަށެވެ. އެހެން ކަމުން މި ހަދީޘުން އެކަން ވަރަށް ރަނގަޅަށް ސާފުކޮށް އެނގެން އެބައޮތް ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އަޝުރު ނަމާދު ފެށޭ ވަގުތަކީ އެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާއި އެއްވަރުވާ ވަގުތުކަމަށެވެ. އަދި މިކަމަށް މިސާލު ޖައްސަވަމުން ވިދާޅުވީ 1 މީޓަރުގެ ދަނޑިކޮޅެއް ކޮޅަށް ހުންނައިރު، އޭގެ ހިޔަނި 1 މީޓަރަށް ހުންނަ ހިސާބަކީ އަޝުރު ނަމާދު ފެއްޓޭ ވަގުތު ކަމަށާއި އަދި އެ ދަނޑި ކޮޅުގެ ހިޔަނި 2 މީޓަރަށް ދިގުވާ ހިސާބަކީ އަސުރުނަމާދުގެ އެންމެ ފަހު ވަގުތު ކަން ހަދީޘުން އެނގޭކަމަށެވެ.

ޝައިޚް ވިދާޅުވީ މާތް ނަބިއްޔާގެ ފަރާތުން އައިސްފައިވާ އެހެން ހަދީޘަކަށް ބަލާއިރު، އަޝްރު ނަމާދުގެ އެންމެ ފަގު ވަގުތަކީ އިރު އޮއްސުމަށްޓަކައި އިރު ދޮންކޮށްލާ ވަގުތާއި ހަމައަށް ކަމަށެވެ. އަދި އިރު އޮއްސުމުގެ މާ ކުރިން އިރު ދޮންކޮށްލާ ކަމަށާއި އެ ދޮންކޮށްލާ ހިސާބުން އަޝްރު ނަމާދުގެ ވަގުތު ނިމިގެން ދާ ކަމަށް ހަދީޘުން އެނގިގެން ދާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިތުރަށް ވިދާޅުވީ އަޞްރު ނަމާދު ލަސްކުރުމަކީ މުނާފިޤުންގެ ސިފައެއް ކަމަށާއި އެއްވެސް އުޒުރެއް ނެތި އަޞްރު ނަމާދު ލަސްކުރުން ހުއްދަވެގެން ނުވާނޭ ކަމަށެވެ.