English Edition
Dhivehi Edition

ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް ބަލިކޮށް، އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ކުރި ހޯދުމާއި ގާތަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ޖެހިލައިފިއެވެ.

ރޭގެ މެޗު އާސެނަލް އާއި ވާދަކޮށް ސިޓީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަތްވަނަ މިނިޓްގައި ސިޓީން ލީޑުނެގިއެވެ. ސިޓީއަށް ލީޑު ނަގައިދިނީ ކެވިން ޑެ ބުރޭނާއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖޯން ސްޓޯންސް ލީޑް ފުޅާކޮށްދިނެވެ.

ސިޓީގެ ތިންވަނަ ލަނޑުވެސް ޖެހީ ޑެ ބުރޭނާއެވެ. ސިޓީން ތިން ލަނޑު ޖެހިފަހުން އާސެނަލްގެ ހަމައެކަނި ލަނޑު 86 ވަނަ މިނިޓްގައި ޖެހީ ހޯލްޑިންގއެވެ. ސިޓީން އެޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އެ ލަނޑު ޖެހީ ހާލަންޑެވެ.

ރޭގެ މިމޮޅާއެކު ލީގު ދިފާއުކުރުމުގެ ފުރިހަމަ ބާރު ސިޓީއަށް ވަނީ ލިބިފައެވެ.

އާސެނަލްއަށްވުރެ ދެމެޗު މަދުން ކުޅެ، ސިޓީ ދެވަނާގައި އޮތީ ދެ ޕޮއިންޓްގެ ފަރަގަކާއެކުއެވެ. އާސެނަލް އެއްވަނާގައި އޮތީ 33 މެޗުން 75 ޕޮއިންޓާއެކުއެވެ. ސިޓީ ދެވަނާގައި އޮތީ 31 މެޗުން 73 ޕޮއިންޓާއެކުއެވެ.