ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ)ގެ ދަށުން އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީ ދީފިއެވެ.
އެގައުމުން ރާއްޖެއަށް ދީފައިވަނީ 2.73 މިލިއަން ރުފިޔާ އެވެ.
މި ފައިސާ ބޭނުން ކުރެވިގެންދާނީ ގދ. ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް” ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަން ޅައްދޫ ސްކޫލް އަދި ހއ. ދިއްދޫގައި ހުންނަ ހއ އަތޮޅު ތަޢުލީމީ މަރްކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށެވެ.
ގދ.ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް” ޤާއިމުކުރުމުގެ މަޝްރޫއުގެ އަމާޒަކީ ރައްޔިތުންނަށް އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮތުގައި މުނިފޫހިފިލުވުމާއި ކުޅިވަރާއި ތަމްރީނާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ޤާއިމްވެފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކޮށްދިނުމެވެ.
މީގެ އިތުރުން އެތަނުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވައި މުޖުތަމައުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި މަޝްރޫއާ ގުޅޭ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރު 2023 ވަނަ އަހަރު ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި މަޝްރޫއަށް އިންޑިއާއިން ދީފައިވަނީ 6.5 މިލިއަން ރުފިޔާގެ ހިލޭ އެހީއެވެ.
އަބޫބަކުރު ސްކޫލް (ގދ.ތިނަދޫ)، ޅައްދޫ ސްކޫލް (ލ.ގަން) އަދި ހއ އަތޮޅު ތަޢުލީމީ މަރްކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމުގެ މަޝްރޫޢުގެ އަމާޒަކީ އައިއީއެސް ޔުނިޓްތަކުގެ ކެޕޭސިޓީ އާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން “ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގް ޕްރޮފައިލް (އެސް.ސީ.އެލް.ޕީ)” އަށް އޮންލައިންކޮށް އުނގެނުމުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި އެސިސްޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މުދައްރިސުން ތަމްރީނުކުރުން ވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 4.64 މިލިއަން ރުފިޔާއެވެ. މި ދޫކުރެވުނު އިންސްޓޯލްމަންޓް ގެ ސަބަބުން މި މަސައްކަތް އަވަހަށް ނިންމުމަށް މަގުފަހިވެގެންދާނެއެވެ.
އިންޑިއާއިންވަނީ ވޭމަންޑޫގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން 100 މަގުބައްތި ހަރުކުރުމަށް ވެސް ހިލޭ އެހީ ވަނީ ދީފައެވެ. މިހާރު ނިމި އިފްތިތާޙުކުރުމަށް ތައްޔާރުވެފައިވާ މި މަޝްރޫޢުގެ ދަށުން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކޮށް، މެއިންޓެނެންސް ޚަރަދު ވެސް ކުޑަކޮށް، ރަށުގެ މަގުބައްތި ޖެހުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްދެއެވެ.
އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހިންގާ 28 ހައި އިމްޕެކްޓް ޕްރޮޖެކްޓްތައް ޚާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި އިކޯ ޓޫރިޒަމް، ދެމެހެއްޓެނިވި ތަރައްގީ، ޓޫރިޒަމް، ކުޅިވަރު، ދަނޑުވެރިކަން ހިމެނެއެވެ. އަދި ސަގާފަތް، ސިއްހީ، ޖަޒީރާ އުމްރާނީ އަދި ތައުލީމީ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ 18 މަޝްރޫޢެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.
އެގޮތުން މި 46 ހިލޭ އެހީގެ މަޝްރޫއުގެ ތެރެއިން ޖުމްލަ 21 މަޝްރޫއެއް ނިންމައި އިފްތިތާހުކޮށް، އިތުރު ފަސް ޕްރޮޖެކްޓެއް އިފްތިތާޙުކުރުމަށް ތައްޔާރީތައްވަމުން އަންނައިރު، އޭގެ ތެރޭގައި އައްޑޫގެ އިކޯ ޓޫރިޒަމް ޒޯންތަކާއި، ހއ. ހޯރަފުށީގައި ޤާއިމްކުރެވުނު ފެން ބަންދު ކުރާ ޕްލާންޓް އަދި ތ.ވޭމަންޑޫ މަގުބައްތި ޖެހުމުގެ މަޝްރޫއު ހިމެނެއެވެ.
ހައި އިމްޕެކްޓް ޕްރޮޖެކްޓްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްޤީގެ ގުޅުމުގެ މުހިންމު ބައެކެވެ. މި މަޝްރޫޢުތަކަކީ ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާމަޝްރޫޢުތަކެކެވެ.
މީގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ސިޓީ އަދި ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކަކަށްވާއިރު، މި މަޝްރޫޢުތަކުގެ ސަބަބުން އާންމުން އިންތިޚާބުކުރާ މަންދޫބުންގެ ޤާބިލުކަން އިތުރުވެ، ދިވެހި ސަރުކާރުން ކުރިއަށްގެންދާ ލާމަރުކަޒުކުރުމުގެ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެކަމުގައި ބެލެވެއެވެ.
އިންޑިޔާ ސަރުކާރުގެ އުއްމީދަކީ މި މަޝްރޫޢުތައް އަވަހަށް ނިމުމުން ރަށްރަށުގެ މުޖުތަމަޢުތަކަށް ހެޔޮބަދަލުތަކެއް ގެނެވި، އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުމުގެ އައު ބާބެއް ލިޔެވިގެން ދިއުމެވެ.