English Edition
Dhivehi Edition
ފޮޓޯ: ޚަބަރުއޮންލައިން

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހާ ކިރިޔާވެސް ވާދަކުރެވޭނީ ޕީޕީއެމް އަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަން ފިކުރެއްގެ ދިރުން ގުޅިގެން ނެރޭ ކެންޑިޑޭޓަކީ ރައީސް ޞާލިޙަށް އެއްވެސް “ތްރެޓެއް” ނޫން ކަމަށެވެ.

“ފެންނަ މަންޒަރަކީ ރައީސް ޞާލިޙް ވަރަށް ފަސޭހަކަމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާތަން. އެއީ ޕީޕީއެމް އޮތީ ދެފެންދޭތެރޭގައި އޮޅިފަ.” ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ވޭތުވެދިޔަ ދައުރުގައި ރައީސް ސާލިހު ވަނީ ނަތީޖާ ނެރެދެއްވާފައި ކަމަށާއި އެގޮތުން ކޯވިޑް-19ގެ އެންމެ ޚައްސާސް ދަނޑިވަޅުގައި ވެސް ޤައުމުގެ ޙާލަތު މެނޭޖުކުރެއްވުމުގައި ވެސް ރައީސް ސާލިހުވަނީ ނަތީޖާ ނެރެދެއްވާފައިކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެކަމަށް ދުނިޔޭގެ ޤައުމުތަކުގެ ތައުރީފް ލިބިފައިވާކަން ވެސް ސައުދުވަނީ ކުރިން ފާހަގަކުރައްވާފައެވެ.

ހަމަމިއާއެކު ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަަކއި ވެސް އެންމެ ރައީސް ޞާލިޙަށް އިތުރު ދައުރެއް އެރުވަންޖެހޭކަމަށް ސައުދު ވަނީ ކުރިންވިދާޅުވެފައެވެ.

ސައުދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވާ، ޖޭޕީން ވަކިވެ އެމްޑީޕީއާ ގުޅިފައިވާ މެމްބަރެކެވެ. ސައުދު އަންނަނީ ޖޭޕީއާއި ނަޝީދުގެ ފިކުރެއްގެ ދިރުމަށް ފާޑުވިދާޅުވެ، ދޭތެރެދޭތެރެއިން ވާހަކަދައްކަވަމުންނެވެ.