English Edition
Dhivehi Edition
އެސްޓީއޯގެ ގުދަނަކަށް ކާޑު ވައްދަނީ - ފޮޓޯ: އޭއޯ ނިއުސް

ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާނަމަ، ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް މޯލްޑިވްސް ފުޑްސް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެފްއެފްޑީއޭ އިން ބުނީ ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުލުމާއި ގުދަން ކުރުމުގައި އަމަލުކުރާނޭ ގޮތުގެ މިންގަނޑުގައިވާ ގޮތުގެ މަތިން، ގަނޑުކޮށް ގުދަން ކުރާތަންތަން ރަޖިސްޓްރީ ކުރަން ނިންމާފައިވާ ކަމަށެވެ.

އެކަން ހާމަކުރައްވާ، އެމްއެފްޑީއޭ އިން ވަނީ މި މަހުގެ 20 ވަނަ ދުވަހު އިއުލާނެއް ނެރެފައެވެ.

އެ ނިންމުން ތަންފީޒު ކުރަން ނިންމާފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެއީ ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި، އެފަދަ ތަންތަން ރެގިއުލޭޓް ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުންވެސް ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެމްއެފްޑީއޭއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ވަނީ ރަޖިސްޓްރީ ނުކޮށް ކާބޯތަކެތި ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.