ސައުދީ އަރަބިއާގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯ ޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާންމުންގެ ކުރިމަތީގައި ޖެއްސި މުޑުދާރު ފާޚިޝް އިޝާރާތައް އެކަށީގެންވާ އަދަބު އޭނާއަށް ލިބެން ޖެހޭނޭކަމަށް ޤާނޫނީ ވަކީލް ނައުފް ބިން އަހުމަދު ވިދާޅުވެއްޖެއެވެ.
ވަކީލު ނައުފް ވިދާޅުވީ ރޮނާލްޑޯގެ ފަރާތުން ފެނުނު އެ ހަޑި އަމަލުގެ މައްސަލަ ވަރަށް ހަރުކަށިކޮށް ސީރިއަަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި އަދި އެ ކުށަށް އަދަބުވެސް ލިބެން ޖެހޭކަމަށެވެ.
މި މައްސަލަ އަކީ އެންމެ ފަހުން ސަައުދީ ޕްރޮލީގުގައި ވާދަވެރި އަލް ހިލާލް އާއި ދެކޮޅަށް ކުޅެ އަލް ނަޞަރު ބަލިވި މެޗަށް ފަހު ރޮނާލްޑޯ އިދިކޮޅު ސަޕޯޓަރުންނާއި ދިމާއަށް ފާޙިޝް މަންޒަރެއް ސިފަވާގޮތަށް އަމިއްލަ އައުރަ ގުނަވަނުގައި ހިފާ ތެޅުވި ކަމަށް ބުނާ މައްސަލައެވެ.
ވަކީލް ވިދާޅުވީ އެ މައްސަލަ މިހާރު ހުށައަޅާފައިވާ ކަމަށާއި، އެއީ ރޮނާލްޑޯ ގަސްދުގައި ސަޕޯޓަރުންނާއި އަމާޒުކޮށް ހިންގި އަމަލެއް ނަމަ ވަގުތުން އޭނާގެ އެއްބަސް ވުން ބާތިލްކޮށް ހައްޔަރުކޮށް ގައުމުން ފުރުވާލަން ޖެހޭނޭކަމަށެވެ.
އަދި އެއީ ސައުދީ ޤާނޫނުގައި ބޮޑު ކުށެއް ކަމަށާއި އާންމުންގެ ތެރޭވައި އެފަދަ އަމަލެއް ހިންވުމަކީ ބޮޑު އަދަބެއް ލިބެން ޖެހޭ ވަރުގެ ޤާނޫނީ ކުށެއް ކަމަށެވެ.
ވަކީލު އިތުރަށް ވިދާޅުވީ ސައުދީ ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވާނޭ ކަމަށާއި ރޮނާލްޑޯގެ އެ އަމަލު ސިފަ ކުރެވެނީ ‘އާންމު ފާޙިޝް ޖަރީމާއެއް’ ގެ ގޮތުގައި ކަމަށެވެ.
“އެއީ އާންމުންގެ ކުރިމަތީގައި ކުރި ހަޑިމުޑުދާރު އަމަލެއް، އެއީ ގައުމާއި ރައްޔިތުންގެ ޝަރަފު ގެއްލިދާފަދަ ޖަރީމާއެއްގެ ގޮތުގައި ސިފަކުރެވެނީ، އަދި އެއީ ގައުމުން ބޭރު ބިދޭސީއަކު ކުރިނަމަ ހައްޔަރުކޮށް ޑީޕޯޓުކޮށްލަން ޖެހޭވަރުގެ ކުށެއް،” ވަކީލު ވިދާޅުވި އެވެ.