English Edition
Dhivehi Edition
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ޔޫއެން ބަޔޯޑައިވަރސިޓީ ކޮންފަރެންސް (ސީއޯޕީ16) ގެ އޯޝަން ޑޭގެ މަތީ ފެންވަރުގެ ޖަލްސާގައި ރާއްޖޭގެ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ތާރިގް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރިކުރުމުގެ ލަނޑުދަނޑި ހަސިލްކުރުމަށް ރާއްޖެއިން ގަދައަޅައި މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ކަނޑުގެ ދިރުންތަކާއި ގުދުރަތީ މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްކަންދިނުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ސީއޯޕީ16 ގެ އޯޝަން ޑޭގައި ބޭއްވުނު މި ޖަލްސާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޖަލްސާގައި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރާ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.