English Edition
Dhivehi Edition

އަހަރެމެން ނަމާދުކުރާ މިސްކިތަކީ މާތް ﷲ ގެ ގެކޮޅެވެ.ﷲ ﷲ އަށް ލޯބިވާ މީހާ އެކަލާންގެ ގެކޮޅުތަކަށް ލޯބި ކޮށް އެ ގެކޮޅުތަކަށް ޒިޔަރަތް ކުރާނެއެވެ. އަދި އެގެކޮޅުތަކަށް ޒިޔާރަތް ކުރުމަށް ލޯބި ކުރާނެއެވެ. ސޫރަތުލް ޖިންނިގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا) މާނައަކީ: “އަދި މިސްކިތްތައް ވަނީ اللَّهއަށެވެ. ފަހެ، ތިޔަބައިމީހުން اللَّهއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!”

މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ގުދްސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. “ތިމަން ﷲ ގެ ބިމުގައިވާ ތިމަން ﷲ ގެ ގެކޮޅު ތަކަކީ މިސްކިތްތަކެވެ. އެމިސްކިތްތަކަށް ޒިޔާރަތް ކުރާ މީހުންނަކީ އެމީސްކިތް ޢިމާރާތް ކުރާ މީހުންނެވެ. ގެއިން ވުޟޫ ކޮށްގެން ތިމަން ﷲގެ ގެޔަށް ޒިޔާރަތް ކޮށްފި މީހަކަށް ހުރި ހެޔޮކަމެއްގެ ބޮޑު ކަމާއެވެ. ޒިޔާރަތް ކުރާ ފަރާތަށް މެހްމާންދާރީ އަދާ ކުރުމަކީ ޒިޔާރަތް ކުރެވޭ ފަރާތުގެ މައްޗަށްވާ ޙައްގެކެވެ.” މިއީ އިމާމް އަބޫ ނުޢައިމްގެ ރިވާޔަތެކެވެ.

މިގޮތުން މިސްކިތަށް ޒިޔާރަތް ކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވާ އެންމެ ބޮޑު ހަދިޔާ އަކީ ފުރިހަމަ އީމާނެއްގެ ވެރިޔެއް ކަމުގައި އެމީހަކު ލެއްވުމެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “މީހަކު މިސްކިތަށް ދިޔުން ޢާދަކޮށްފިނަމަ އެމީހަކީ އީމާންކަމުގެ އަހްލުވެރިޔެއް ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ. ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (إِنَّمَا يَعْمُرُ‌ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّـهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ) {ސޫރަތުއް ތައުބާގެ 18 ވަނަ އާޔަތް}، މާނައަކީ: “اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، اللَّهއަށް މެނުވީބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގުލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.” މިއީ އިމާމް ތިރްމިޛީގެ ރިވާޔަތެކެވެ.

ގިޔާމަތް ދުވަހުގައި ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހި ކަމެއް ނުވާ ދުވަހުގައި އެކަލާންގެ ޢަރްޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާ ވާކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (سبعة يظلهم الله في ظله، يوم لا ظل إلا ظله ـ وعد منهم ـ ورجل قلبه معلق بالمساجد)متفق عليه.މާނައަކީ: “ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތް ބާވަތެއްގެ ބަޔަކަށް ﷲ ހިޔާވަހިކަން ދެއްވައެވެ. އޭގެ ތެރޭގައި އެމީހެއްގެ ހިތް މިސްކިތްތަކާ ގުޅިފައިވާ މީހާ ހިމެނެއެވެ.” މުއްތަފަގުން ޢަލައިހި.

މިސްކިތްތަކަކީ ހަމައެކަނި އަޅުކަން އަދާ ކުރެވޭ ތަންތަނެއް ނޫނެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ މީހުންނަށް މުޅި ބިން ވެސް ލައްވާފައިވަނީ ނަމާދު ކުރުމަށް ޠާހިރު ރަގަޅު ތަންތަން ކަމުގައެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫޛައްރު ވިދާޅުވިއެވެ. ތިމަންނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. “ބިމުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ކޮބައިތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “އަލްމަސްޖިދުލް ޙަރާމެވެ”. ތިމަންނާ ދެންނެވީމެވެ. “ދެން ކޮން މިސްކިތެއް ތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “އަލްމަސްޖިދުލް އަގްޞާ އެވެ.” ތިމަންނާ ދެންނެވީމެވެ. “އެދެމެދުގައި ކިހާ ދުވަހެއް ވީތޯއެވެ؟” ހަދީޘް ކުރެއްވިއެވެ. “ސާޅީސް އަހަރެވެ.” އަދިވެސް ޙަދީޘް ކުރެއްވިއެވެ. “ތިބާ އޭރަކު ހުރި ކޮންމެ ތަނެއްގައިވެސް ނަމާދު ކުރާށެވެ. އެއިން ކޮންމެ ތަނަކީ މިސްކިތެކެވެ.” ރަވާހުލް ޖަމާޢާ.

މަޢުލުމާތު: އިސްލާމީ ތިލަފަތުގެ ދަރުހަކުން