އެމެރިކާގެ ވޮޝިންޓަނުގައި ހުރި ޕީ.އެލް.އޯގެ އޮފީސް ބަންދު ކުރުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ކުރާތީ ފަލަސްތީނުން އެމެރިކާ އާއި އެކު މުއާސަލާތީ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު އެގައުމުން ދީފިއެވެ.
ޕީ.އެލް.އޯ (ޕަލަސްތީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން) ގެ އިސް ނެގޯޝިއާޓަރެށް ކަމަށްވާ ސައެބް އެރަކާޓް ވިދާޅުވެފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ޕީ.އެލް.އޯ އޮފީސް ވޮޝިންޓަނުގައި ހިންގުމުގެ ހުއްދު އާ ކޮށްދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ދާދި ފަހުން ފަލަސްތީނުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެންބަރަކަށްވެ އިޒްރޭލާއި ދެކޮޅަށް މައްސަލަ ހުށައެޅުމާއި ގުޅިގެން ކަމަށް އެރެކާޓް ތުހުމަތު ކުރެއެވެ.
އެރަކާޓް ވިދާޅުވީ ޕީ.އެލް.އޯ އިން ވަނީ އެމެރިކާ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅައިފިނަމަ ހުރިހާ މުއާސަލާތީ ގުޅުމެއް ކަނޑާލާނެ ކަމަށް ބުނެފައެވެ.
އެރަކާޓް ވިދާޅުވި ގޮތުގައި މިއީ އެއްވެސް ކަހަލަ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އެޅިގެންދާ ހުރަހެއް ކަމުގައެވެ. އަދި މިކަމުން އެމެރިކާ ސަރުކާރަށް ނަތަންޔާހޫގެ ސަރުކާރުން އޮތް ޕްރެޝާރ ފެނިގެންދާ ކަމުގައެވެ.
އެމެރިކާގެ ވައިޓްހައުސް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ(އެން.ސީ.އެސް) ތަރުޖަމާނަކު ބުނެފައިވަނީ މިއީ ޕީ.އެލް.އޯ އޮފީސް އެއްކޮށް ބަންދު ކުރީ ނޫން ކަމުގައެވެ. އެނާ ވިދާޅުވި ގޮތުގައި މީއީ އެމެރިކާގެ ޕާލިމެންޓުން 2015 އަހަރު ޕީ.އެލް.އޯ އާއި ގުޅިގެން އުފެއްދި ގަވާއިދެއްގެ ދަށުން އެޅި ފިޔަވަޅެއް ކަމުގައެވެ.
މިގަވާއިދު ދަށުން ފަލަސްތީނުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ބައިވެރިވެ އެއްވެސް ފިޔަވަޅެއް އިޒްރާއިލާއި ދެކޮޅަށް އަޅަން މަސައްކަތް ކުރުމުން ދަތި ކުރުންތަށް އާންނާނެ ކަމުގައި ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން މި ގަވާއިދުގައި ފަލަސްތީނުން އ.ދ ފަދަ ޖަމާއަތައްގެ ފުރިހަމަ މެންބަރަކަށް ވެއްޖެ ނަމަ ކަންކުރާނެ ގޮތްވެސް ވަނީ ފާހަގަ ކޮއްފައެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވެރިކަމަށް އައި ފަހުން ފަލަސްތީނާ އިޒްރާއިލާއި ދެމެދު ސުލްހަ ވެރިކަން ޤާއިމު ކުރުމަށް ވަކި ސީދާ މަސައްކަތެއް ކުރައްވާފަ ނެތެވެ.
ޑޯނަލްޑް ޓްރަމްޕް ވެރިކަމަށް އައުމުން އިޒްރާއިލުން ޤާނޫނާ ހިލާފަށް އަޅަމުންދާ ގެ ތަކުގެ މަސައްކަތްތަށް ދިޔައީ އިތުރުވެގެންނެވެ. އަދި މީގެ އިތުރުން ވޭތުވެ ދިޔަ ވިހި އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހުޅަނގު އައްސޭރީގައި ވަނީ ގެދޮރު އަޅަން އިޒްރޭލުން ފަށާފައެވެ.