ސައުދީ ޕްރޮފެޝަނަލް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަޞްރު އާއި އޮޑިއޮން އިގާލޯގެ އަލް ހިލާން ބައްދަލުކުރާ ބޮޑު މެޗު މިރޭ ކުޅޭނެއެވެ.
މިރޭގެ މި މެޗަށް ދެ ޓީމުންވެސް ނުކުންނައިރު، މި މެޗަކީ ދެ ޓީމަށް ވެސް ހަމަ އެހާމެ މުހިންމު މެޗެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިވަގުތު މި ދެޓީމުގެ ހާލަތަށް ބަލާއިރު، އަލް ނަޞްރު އޮތީ ލިގުގެ އެއްވަނާގައި އޮތް އަލް އިއްތިހާދަށް ވުރެ ތިން ޕޮއިންޓު މަދުން ލިބިގެން ތާވަލުގެ ދެވަނާގައެވެ.
އަދި އަލް ހިލާލް އޮތީ ކުޅުނު 24 މެޗުން 46 ޕޮއިންޓު ލިބިގެން ލީގުގެ ހަތަރުވަނާގައެވެ. އެއީ އަލް ނަޞްރަށް ވުރެ ހަތް ޕޮއިންޓު މަދު އަދަދެކެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވެގެން އަލް ނަޞްރާއި ހަތަރު ޕޮއިންޓާއި ގާތަށް ޖެހިލުމުގެ ފުރުސަތު އަލް ހިލާލް އަށް ލިބޭނެއެވެ. ނަމަވެސް މިރޭގެ މެޗުން އަލް ނަޞްރު މޮޅުވެއްޖެ ނަމަ މިހާރު އޮތް ފަރަގު، 10 ޕޮއިންޓަށް ބޮޑުވެގެން ދާނެއެވެ.
މި ދެޓީމު މީގެ ކުރިން ފަސް ފަހަރު ބައްދަލުކޮށްފައި ވެއެވެ. އޭގެ ތެރެއިން އަލް ނަޞްރަށް އަލް ހިލާލްގެ މައްޗަށް ކާމިޔާބު ހޯދިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އަލް ހިލާލްގެ ދަނޑުގައި ކުޅުނު މެޗުންނެވެ. އަނެއް ހަތަރު މެޗު އަލް ހިލާލް އިން ވަނީ ކާމިޔާބު ކޮށްފައެވެ.
މި ދެޓީމު ޕްރޮފެޝަނަލް ލީގުގައި އެންމެ ފުރަތަމަ ބައްދަލުކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ގައެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އަލް ހިލާލްއިންނެވެ. އަދި އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. މި މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ.
އަލް ނަޞްރު އަދި އަލް ހިލާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ. މި މެޗު ކުޅޭނީ އަލް ހިލާލްގެ ދަނޑުގައެވެ.