ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން ގއ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ޕަބްލިކް ސްޕީކިންގ ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު އޮންނާނީ ގއ. އަތޮޅު ވިލިނގިލީގައެވެ.
މި ޕްރޮގްރާމަކީ ޕްރޮފެޝަނަލް ގިންތީގައި މަސައްކަތް ކުރާފަރާތްތަކާއި، އޮފީސްތަކުގެ ވެރިންނާއި، އުގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން، މި އެޕްރީލް މަހުގެ 28 އިން 29 އަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްޕީޗް ގެ އޮނިގަނޑު އެކުލަވާލުމާއި، މީހުން ޝައުގުވެރިވާ ގޮތަށް، ހުށަހަޅައި ދިނުމާއި، އަސަރު ހުރި ވާހަކައެއް ދެއްކުމުގައި ސަމާލުކަންދޭންޖެހޭ ބައިތަކާއި، ބަޔަކާއި މުހާތަބު ކުރުމުގައި ހުންނަ ޖެހިލުންވުމުން އަރައިގަންނާނެ ގޮތްތައްފަދަ، ޕަބްލިކް ސްޕީކިންގ ގެ ދާއިރާއިން ކޮންމެހެން އެނގެންޖެހޭ މުހިންމު ބައިތަކާއި، އަމަލީގޮތުން ސްޕީޗް ދިނުމާއި، އަދި ރަނގަޅުކުރަންޖެހޭ ބައިތައް ބައިވެރިންނަށް އަންގައި ދިނުން ހިމެނިފައިވާނެއެވެ.
ޕަބްލިކް ސްޕީކިންގ ސްކިލް އަކީ އަމިއްލަ މީހާގެ ކުރިއެރުމަށްޓަކައި އެންމެ މުހިންމު އެއް ހުނަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ، އަދި ވަޒީފާގެ ބާޒާރުގައި އެންމެ ބޭނުންތެރި އެއް ހުނަރެވެ.
މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ، މިދާއިރާގައި ތަޖުރިބާލިބިލައްވާފައިވާ، ޖޯން.ސީ.މެކްސް.ވެލް ސަރޓިފައިޑް ސްޕީކަރ އެއްކަމަށްވާ އާދަމް ނަޞީރު ހުސޭނު އެވެ. އާދަމް ނަޞީރު ހުސޭނަކީ މީހުން ބިނާކުރުމުގެ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ އަދި މިހާރުވެސް މިދާއިރާގައި ދެމި ހުންނެވި ކުޅަދާނަ މުދައްރިބެކެވެ.
މި ޕްރޮގްރާމަކީ ވަކި ވަރަކަށް ބައިވެރިންނަށް ފުރުޞަތު ދެވޭގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމަކަށްވާތީ، ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފޯމް Public Speaking Workshop – Registration Form (jotform.com) މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ރަޖިސްޓަރ ކުރުމަށް ސްކީމުން އިލްތިމާސް ކުރެއެވެ.
ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7548078 އާއި ގުޅުމުން ލިބޭނެއެވެ.
ޔޫތް މިނިސްޓްރީއާއި ސްކީމް ޖަމިއްޔާ ގުޅިގެން “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތުގައި ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވެށި- ބާރު ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.