English Edition
Dhivehi Edition

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 08:00 ގައެވެ. މިއަދު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި އިންތިހާބުގައި މެންދުރު 12:00 އާ ހަމައަށް ވޯޓުލާފައިވަނީ ޖުމުލަ 1097 މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމުލަ 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މި އިންތިހާބުގައި ޖުމުލަ ހަ ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ގުޅީގައި އެއް ވޯޓު ފޮށި، މާފުށީގައި ދެ ވޯޓުފޮށި، ގުރައިދޫގައި ދެ ވޯޓު ފޮށި އަދި މާލޭގައި ހުރި ވޯޓު ފޮއްޓެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.