English Edition
Dhivehi Edition

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫއުގެ ދަށުން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއު މިރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހިއްކައިފައިވާ ސަރަހައްދުގައި އިމާރާތްކުރާ ފުލެޓްތަކެވެ. މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 10،080 ޔުނިޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ޔިނިޓުތައް ހުންނާނީ ޖުމްލަ 36 ޓަވަރެއްގައެވެ. ޔުނިޓުތަކުގައި ހުންނާނީ 1 ކޮޓަރި، 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓު ތަކެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ މި މަޝްރޫއުގައި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކާއި ބައެއް އޮފީސްތަކާއި، އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވެސް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫއަކީ ހުޅުމާލެ ފޭސް 2 ގައި އަމަލީ މަސައްކަތް ފެށިފައިވާ 7000 ސޯޝަލް ހައުސިންގ އަދި 1530 މިޑް ޓު ހައިރޭންޖް ހައުސިންގެ އިތުރުން އަލަށް އެޅުމަށް ހަމަޖެހިފައިވާ ޔުނިޓްތަކެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅިވިއެވެ.

ހުޅުމާލޭގެ ދެވަނަފިޔަވަހި ހިއްކައިފައިވަނީވެސް މިސަރުކާރުންނެވެ. ދެވަނަ ފިޔަވަހީގައި ވަނީ 240 ހެކްޓަރު ބިން ހިއްކައިފައެވެ.