English Edition
Dhivehi Edition

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ފުވައްމުލައް ސިޓީގައި މިރޭ އޮންނަ އިޙްޔާ ފޯރަމްގެ ތެރެއިން މި ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

1444 ވަނަ އަހަރުގެ އަތޮޅު އިޙްޔާ ބައިގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތައް ވަނީ ހުށަހެޅިފަ އެވެ.

އޭގެތެރޭގައި 1 ވަނައަށް ދާ ފަރާތަކަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރާއި، 2 ވަނައަށް ދާ ފަރާތަކަށް އުރީދޫއިން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13, އަދި 3 ވަނައަށްދާ ފަރާތަކަށް ރެއިންބޯ އިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް ހިމެނެ އެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް މެއިލް ކުރެއްްވޭނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބަދަލުގައި އެހެންމީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެ ކަމަށެވެ.

ފުވައްމުލައް ސިޓީގައި މިރޭ ބާއްވާ އިޙްޔާ ފޯރަމްގައި ”ﷲގެ ނިޔާއަށް ރުހުން” މި މައުޟޫޢަށް ތަޤްރީރުކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް އަދި މަސްޖިދުއް ސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީއެވެ. މި ފޯރަމް ވެސް ފެށޭނީ ރޭގަނޑު 9:30 ގައެވެ.