English Edition
Dhivehi Edition

ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލުވުމަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް އ.ދ. ގައި ޙިއްސާކޮށްފި އެވެ.

މި ކާމިޔާބީތައް ހިއްސާ ކުރީ އ.ދ.ގެ އާބާދީއާއި ތަރައްޤީއާ ބެހޭ ކޮމިޝަން، “ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް” ގެ 56 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެ އެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ދެއްވި ތަޤުރީރުގައި ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 4 ވަނަ ލަނޑުދަނޑިކަމުގައިވާ “ކޮލިޓީ އެޑިއުކޭޝަން” ޙާޞިލު ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ޙިއްސާކޮށްފައެވެ.

އެގޮތުން ތަޢުލީމީ ދާއިރާގެ އެކި ފަންތީގައި މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް ތައުލީމީ ދާއިރާ ޑިޖިޓަލައިޒްކޮށް ހައިބްރިޑް ނިޒާމެއްގެ ތެރެއިން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތައް ރާއްޖެއިން ފާހަގަކުރިއެވެ. ހަމައެއާއެކު، ތަޢުލީމީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމުގެ މުހިއްމުކަން ފާހަގަކޮށް، ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމުގެ ސަބަބުން އަންހެނުން ބާރުވެރިކުރުމަށް މަގުފަހިވާކަން ރާއްޖެއިން ފާހަގަކުރިއެވެ.

ޤާނޫނީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އަންހެން ކުދިންނާއި އަންހެނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް ގެއްލުންލިބޭނެ ފަދަ ކަންކަމާއި ޖިންސީ އަނިޔާ ތަޙައްމަލުކުރަން ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

މަދު ވަޞީލަތްތަކާއިއެކު ފެތުރިފައިވާ އާބާދީއެއް އޮތް، ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ވެސް މިބައްދަލުވުމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ތަޢުލީމީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވާކަން ރާއްޖެއިން ފާހަގަކުރިއެވެ. އަދި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ބޭރުން ހިނގާ ހިޖުރަކުރުމުގެ ޙަރަކާތްތަކުގެ ސަބަބުން އުފެދޭ މައްސަލަތައް ހިމެނޭހެން، އަލަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމަށް ރާއްޖެއިން ގޮވާލިއެވެ.

ހަމައެއާއެކު، ރާއްޖެއިން ވަނީ އަންނަ ޖުލައި މަހު ބާއްވާ އ.ދ.ގެ “ހައި-ލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް” ގައި ރާއްޖޭގެ ފަރާތުން ދެވަނަ ވޮލަންޓަރީ ނޭޝަނަލް ރިވިއު ހުށަހަޅާނެކަން ފާހަގަކޮށްފައެވެ. އަދި އެބައްދަލުވުމުގައި މެމްބަރު ޤައުމުތަކުގެ ތަޖުރިބާ ޙިއްސާކޮށް، ފައިދާކުރުވަނިވި ގޮތެއްގައި ޤައުމުތަކުން ބައިވެރިވެ، އެކަންކަމުގެ ސަބަބުން ތަރައްޤީގެ ކަންކަން ރާވައި އިންތިޒާމުކުރުމުގެ ހުރިހާ މަރުހަލާތަކެއް ވެސް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ކަމުގެ އުއްމީދު ރާއްޖެއިން ފާޅުކުރިއެވެ.

ބަދަލުގެނެވަނިވި މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެންމެހައި ފަރާތްތަކުގެ ޒިންމާ ފާހަގަކޮށް 2030 ގެ އެޖެންޑާ ޙާޞިލުކުރުމަށާއި އެއެޖެންޑާ ޙާޞިލުކުރުމުގައި އެއްވެސް ބަޔަކު ބާކީ ނުކުރުމަށް ވެފައިވާ އަޙުދު ދެމެހެއްޓުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ މިބައްދަލުވުމުގައި ތަކުރާރުކޮށްފައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް، ޑރ. އިބްރާހީމް ޒުހުރީ އެވެ.