English Edition
Dhivehi Edition

ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި ބެހުމަށް މާލެ ސިޓީ ކައުންސިލުން ކުރި މަސައްކަތުން 400 އަށްވުރެ ގިނަ ކާށި ފުރަތަމަ ދުވަހު ބަހައިފިއެވެ.

ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާއިފައިވަނީ 11 އޭޕްރީލް 2023 ވަނަ ދުވަހުއެވެ. މި ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 16 ފަރާތަކަށް 80 ކާށި ބަހާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން ގޭބީސީތަކަށް ކާށި ބެހުމުގެ ތެރެއިން 67 ފަރާތަކަށް 335 ކާށި ވަނީ ދޫކޮށްފައެވެ. އެކު ޖުލްމަ ފުރަތަމަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ 415 ކާށި ބަހާފައެވެ.

ކުރިން މާލެ ސިޓީ ކައުންސިލުން ކާށި ބެހުމަށް ނިންމާފައިވަނީ ފުރަތަމަ 5 ދުވަހު، ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އެހެންނަމަވެސް 5000 ކާށި ފަގީރުންގެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށް ހާއްސަކުރެއްވުމަށްފަހު މާލޭގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ވެސް މި 5 ދުވަހުވެސް ކާށި ބެހުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ކާށި ބައްލަވައިގަތުމަށް ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަވަން ޖެހޭނެއެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.