English Edition
Dhivehi Edition
15 ޖަނަވަރީ 2023 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މިހާރު

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުމަށް ބޭނުންވާ ޓްރެއިނަރުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ޓްރެއިނަރުން ހޯދަން އީސީން ވަނީ މާރޗް 13 ގައިވެސް އިއުލާންކޮށްފައެވެ. އެހެންނަމަވެސް އަލުން ޓްރެއިނަރުން ހޯދަން އިއުލާން ކުރީ އެ އިއުލާނާ ގުޅިގެން ބޭނުންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވާތީ ކަމަށް އީސީން ވަނީ ބުނެއެވެ.

އިލެކްޝންސް ކޮމިޝަނުން އަންގާރަ ދުވަހު ނެރުނު އިއުލާނުގައި ބުނީ އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް ޖުލައި 15 އިން ޖުލައި 21 އަށް ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެ ކަމަށާއި ޓީއޯޓީގެ އެންމެހައި ޚަރަދުތައް އެކޮމިޝަނުން ހަމަޖައްސާނެ ކަމަށެވެ.

އޮފިޝަލުން ތަމްރީނުކުރުމުގައި މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 700 ރުފިޔާ، އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 900 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޓީއޯޓީ ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1400 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށް އީސީން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ބަހާލާފައިވާ ގޮތުން މާލޭގައި އޮގަސްޓް 19 އިން ސެޕްޓެމްބަރު 5 އަށް ތަމްރީނު ކުރިއަށްދާއިރު އަތޮޅު ތެރޭގައި ތަމްރީނުތައް ކުރިއަށްދާނީ އޮގަސްޓު19 އިން 31ގެ ނިޔަލަށެވެ.

ޓްރެއިނަރުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މޭ މަހުގެ 10 ވާ ބުދަ ދުވަހުގެ 15:00 އެވެ. އެގޮތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް [email protected] ނުވަތަ ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އީސީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުގައި ބަހައްޓާ 800 ވޯޓުފޮށީގެ ކަންކަމުގައި ހަރަކާތްތެރިވުމަށް 8000 އޮފިޝަލުން ނަގާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހު 30 ގައެވެ.