English Edition
Dhivehi Edition

ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކިނުކުރެވޭނެ ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ. އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެ ކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކިނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މާތްﷲގެ ވަޙީ ބަސްފުޅަށް ބައްލަވަމުން، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފިމީހާގެ ކިބައިން ހަމަހިލާ އެކަން ޤަބޫލު ނުކުރައްވާނެ ކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

ބައެއް މީހުން ދީން ޤަބޫލު ނުކުރާކަމަށް ދައްކާ ވާހަކަތަކަށް ބައްލަވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އެފަދަ މީހުން އެ ހަދަނީ ދޮގު ކަމަށެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބަޢަވާ މީހަކަށް ވާތީކަމަށެވެ.

އަޅުގަނޑުމެންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީންކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރުވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށްވެސް މި ފޯރަމްގައި ބައްލަވާލައްވާފައެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު، 2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީންކަމަށް ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިފަދައިން އިސްލާމްދީން ކުރިހޯދަމުންދަނީ، އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަޤްބޫލުދީނަކަށް ވެގެންދަނީ މިއީ ޙައްޤުގެ ދީންކަމުގައިވާތީއާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީއާއި، އިޖުތިމާޢީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނަކަށް ވާތީކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދާ ސަބަބުތަކާއި ގުޅޭގޮތުން މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަޞްރުﷲ ޢަލީ ވިދާޅުވީ މާތްﷲގެ ހަޟްރަތުގައި ޤިޔާމަތާހަމައަށްވެސް ރުހިވޮޑިގަންނަވާ ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މާތްﷲ އަންގަވާފައިވާ ގޮތަށް އިސްލާމްދީނުގައި ސާބިތުވެ ތިބެންޖެހޭކަމަށާއި މިފަދައިން ޢަމަލުތައް ބެހެއްޓުމުން ޣައިރު މުސްލިމުންނަށް ފެނިގެންދަނީ ނަމޫނާ ދީނެއްގައި މުސްލިމުން އުޅެމުންދާތަން ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އިސްލާމްދީނަކީ މަޤްބޫލު ދީނަކަށްވެގެންދާކަންވެސް ފާހަގަކުރެއްވިއެވެ.

އިސްލާމްދީނަކީ ހުރިހާ އެންމެންނަށް އޮތް ދީނެއްކަމަށް ވިދާޅުވެ، ރަސޫލާގެ ޒަމާނުގައި ހިނގައިދިޔަ ޢިބްރަތްތެރި ޙާދިސާތަކަށް ބައްލަވާލެއްވިއެވެ. މި ދީނަކީ އިންސާނާއަށް ހިތްހަމަޖެހުން ގެނުވާ، ދީނެއްކަން ފާހަގަކުރައްވާ މި ދީނުގައި އިންސާނުންނަށް ލުއި ފަސޭހަކަން ދެއްވާފައިވަނީ ވަކި އުސޫލުތަކަކާއި އިންތަކަކާއިއެކުގައިކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި، ޣައިރު މުސްލިމުންގެ މެދުގައި އިސްލާމްދީން މަޤްބޫލު ދީނަކަށްވާ ސަބަބުތަކާއި، ދީން އެހާބޮޑަށް ފެތުރެނީ ކީއްވެކަންކަމާއި، މި ދީނުގެ ހުރި ފުރިހަމަކަމާއި ރަނގަޅުކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.