English Edition
Dhivehi Edition

ނ. މަނަދޫން އަނިޔާ ތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ މަރުގެ ތަހުގީގު އަވަސްކޮށް، އިންސާފު ހޯދައިދިނުމަށް ދުންޔާ ގޮވާލައްވައިފި އެވެ.

ދުންޔާ ވިދާޅުވީ ނައީމާ، ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި ނައީމާގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ވެސް ވަނީ އެކަމާއި ނުހަނުކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށާއި އަޅުގަަނޑުމެންގެ ތެރޭގައި މިކަހަލަ އަނިޔާވެރި މާރާމާރީތައް އަންހެނުންނާއ ދެކޮޅަށް ވެސް އަދި ފިރިހެނުންނާ ދެކޮޅަށް ވެސް ދަނީ އިތުރަމުންކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެހެންވެ، ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަށް ދުންޔާ ވަނީ ގޮވާލައްވާފަ އެވެ. އަދި ނައީމާ އާ ދެކޮޅަށް މި އަމަލު ހިންގި މީހާ ނުވަތަ މީހުން ޕޮލިސްގެ އިންވެސްޓިގޭޝަނުން އަވަހަށް ހޯދާ، އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާ ދީފަ އެވެ. ނައީމާގެ މަރާ ގުޅޭ އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށާއި އެރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން ވަނީ އަންގާފަ އެވެ.

ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރި ވަމުން އަންނަކަމަށް ވަނީ ބުނެފަ އެވެ.

ނައީމާގެ ހަށިގަނޑު، އިއްޔެ މަޣުރިބު ނަމާދަށް ފަހު ވަޅުލާފައިވާ އިރު، އިތުރު ތަަހުލީލަށް ބޭނުންވާ ސާމްޕަލްތައް އެމައްސަަލަ ތަހުގީގު ކުރުމަށް އެ ރަށަަށް ގޮސް އުޅޭ ފޮރެންސިކް ޓީމުން ނަގާާފަައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެކަމަކު އެ ރަށުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަަމުން ނެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނީ މި އޭޕްރީލް މަހުގެ 6 ވީ ބުރާސްފަތި ދުވަހުން ފެށިގެން ޚަބަރެއް ނުވާތީ އާއިލާއިން ފުލުހުންނަށް އެންގުމުން ފުލުހުން އެގެއަށް ގޮސް ބެލި ބެލުމުން މި މަހުގެ 7 ވަނަ ދުވަހު އެވެ.