English Edition
Dhivehi Edition

އދ.ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

މިއިންތިޚާބުގައި ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެދެބޭފުޅުންގެ ނަން ތަރުތީބު ކުރެވިފައިވާ ގޮތުން ކެންޑިޑޭޓް ނަމްބަރ 1 އަކީ އދ. ދިއްދޫ މޫނިމާގޭ ރަޝީދާ އާދަމްއެވެ. މިއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓެކެވެ.

ކެންޑިޑޭޓް ނަންބަރ 2 އަކީ އދ.ދިއްދޫ މިޒަމާން،އަނީސް މުޙައްމަދެވެ. އަނީސް ވާދަކުރައްވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ޓިކެޓްގައެވެ.

ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ މެއި 06 ވާ ހޮނިހިރު ދުވަހުއެވެ. މިތާރީޚުގައި އިތުރު 2 ސަރަޙައްދެއްގައިވެސް ބައި އިލެކްޝަން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ.

އެ އިންތިޚާބު ތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މެއި 6 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00ން ހަވީރު 4:00ށް ކަމަށް އީސީން ބުނެއެވެ.

ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 2023 މޭ 08 ވާ ހޯމަ ދުވަހު ކަމަށް އީސީން ބުނެއެވެ.

މި މިންތިޚާބުތަކުގައި ރަކީދޫ ކައުންސިލަށް އަންހެން 1 މެމްބަރަކު އިންތިޚާބު ކުރަންޖެހޭއިރު، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 5 މެމްބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިއްދޫއަށް 1 ކައުންސިލް މެންބަރަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.