އދ. ދިއްދޫ ކައުންސިލުގެ ކުރީގެ ފިނޭންސް އެންޑް އައިޓީ ކޮންސަލްޓަންޓު ހިޔާނާތުގެ މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ދިއްދޫ ކައުންސިލުގެ ކުރީގެ ފައިނޭންސް ކޮންސަލްޓަންޓު ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 27 ވަނަ ދުވަހު ސިޓީއަކުން ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މަހުގެ 27 ވަނަ ދުވަހު އާންމުކުރި ދިއްދޫ ކައުންސިލުގެ އޮޑިޓް ރިޕޯޓްގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. އޮގޮތުން އޮޑިޓް އޮފީހަށް ފޭކް ސްޓޭޓްމަންޓެއް ހުށަހަޅާފައިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ދިއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލުން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކޮށްފައިވާ މައްސަލައިގައި އެ ކައުންސިލްގެ ކުރީގެ ފައިނޭންސް އަދި އައިޓީ ކޮންސަލްޓަންޓްގެ މައްސަލަ ފުލުހަށް ހަށަހަޅާފައިވާކަމަށް ބުނެފައެވެ.
ފޭކް ސްޓޭޓްމަންޓެއް ހުށަހަޅާފައިވަނީ ކައުންސިލުގެ އެސްޖީ އާއި އޭނާގެ ފިރިމީހާކަން ފާހަގަކޮށް ކައުންސިލުން ވަނީ އެ އިދާރާ ބަދުނާމުވާ ގޮތަށް، ކައުންސިލުން ފޭކު ސްޓޭޓްމަންޓެއް އޮޑިޓަށް ދީފިކަމަށް ބުނެ ހަބަރުފަތުރަމުންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.