ވެމްކޯގެ ފްލީޓަށް އިތުރު ވެހިކަލް ގެންނަން ނިންމާފައިވާ ކަމަށާއި ޒޯން 3 ގައި ހިމެނޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ނިމިގެންދާއިރު ވެމްކޯގެ ފްލީޓު އިތުރުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ވެމްކޯ އިން ބުނީ އިތުރު 14 ވަރަކަށް ވެހިކަލް ގެނައުމަށް ނިންމާފައިވާ ކަމަށާއި މިއަހަރުގެ ފުރަތަމަ ކުއާތަރ ނިމިގެންދާއިރު ކުނި ނެގުމުގެ ޚިދުމަތުން ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށެވެ.
ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ނިމިގެންދާއިރު ގޭބިސީތަކުން ވަކިކޮށްގެން ނަގާ ކުނި އުފުލާނީ ވަކި އުޅަނދުތަކެއްގައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގައި ކުނި ވަކިކޮށްގެން ނަގަން ފަށާފައިރު، މިއުޞޫލުގެ ދަށުން ޢާއްމުންގެ ގިނަ މީހުން ކުނި ވަކިކޮށްގެން ގެއިން ނެރެން ފެށި އެވެ.
އެހެންނަމަވެސް ޢާއްމުން ކޮތަޅު ކޮތަޅުގައި ވަކިކޮށްގެން ނެރެމުންދިޔަ ކުނި އަރުވަމުން ދިޔައީ ވެމްކޯގެ ބޮޑެތި ލޮރީތަކަށް ހުރިހާ އެއްޗެއް އެއްކޮށް ކަމަށްވާތީ، ކުނި ސައިޓަށް ގެންގޮސް ވަކިކުރާކަން ވެމްކޯއިންވަނީ ބުނެފަ އެވެ. އެކަމަކު އެއީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ވެސް ވެމްކޯއިންވަނީ ފާހަގަކޮށްފަ އެވެ.