އައިޖީއެމްއެޗްގައި ޤާއިމުކުރެއްވި ކާޑިއެކް ސެންޓަރުން މިހައިތަނަށް 21477 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ
ރޭ އަލިމަސް ކަނިވަލު ސަރަހައްދުގައި ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރަށް 4 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ފުރިހަމަކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށަކުންވެސް މިހާރު ސިއްހީ ޚިދުމަތް ލިބޭނެ ކަމަށާއި ކޮންމެ ރަށަކުން ވެސް ބޭސް ލިބޭން ހުންނާނެ ކަމަށެވެ.މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މިފަދަ އުފާވެރި ހަފްލާއެއް ބާއްވަމުންދާއިރު، ޤައުމަށް ލިބިގެންދިޔަ ކުރިއެރުންތަކާއިމެދު މިކަމުގައި ޙިއްސާވާ ހުރިހާ ފަރާތްތައް މިކަމުގައި ޝާމިލްވެ އުފާ ފާޅުކުރަމުންދާނެކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު ހިތްހަމަޖެހުމެއް ޝައްކެއްވެސް ނެތްގޮތުގައި އޮތީ ރައްޔިތުންނަށްކަމަށާއި، އެކަމުގެ ހުރިހާ ޤުރުބާނީއެއް ވެވަޑިގެންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމަށެވެ
މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެނެސްފައިވާ ތަރައްޤީ އާއި ބެހޭ ގޮތުން ވާހަކަދައްވަމުން ޝަރީފު ވިދާޅުވީ މިހާރުވެސް 6 މީހެއްގެ ލިވަރ ބަދަލުކޮށްދީފައިވާ ކަމަށާއި 30 އަށްވުރެ ގިނަ ކުދިންނަށް ބޯން މެރޯ ހަދާދީފައިވާ ކަމަށެވެ. އަދި ބޮޑެތި ޚަރަދުތައް ކުރަންޖެހޭ އެތައް ހާސް ބަލިމީހުންނަށް ފަރުވާ ދެވިފައިވާ ކަމަށް ޝަރީފުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޝަރީފު ވިދާޅުވީ އައިޖީއެމްއެޗަށް މިހާރުވެސް ބޮޑެތި ކުރިއެރުންތައް ހޯދާދެވިފައިވާ ކަމަށާއި އެކަންކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށެވެ