English Edition
Dhivehi Edition

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އަންނައަހަރުން ފެށިގެންބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި ބިލު ފާސްކުރުމަށް 55 މެމްބަރުން ވޯޓުދެއްވާފައިވާއިރު، މިބިލާ ދެކޮޅަށް 26 މެމްބަރަކު ވޯޓުދެއްވާފައި ވެއެވެ.

މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު އަންނަ ޖެނެއަރީން ފެށިގެން މުދަލާއި އާންމު ހިދުމަތުގެ އަގުން ނަގާ ޓެކްސް 6 އިންސައްތައިން 8 އިންސައްތައަށް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުވާނެ އެވެ.

އެހެންކަމުން މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވަ އެވެ. އަދި ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބޭނެކަމަށް ލަފާކުރައްވަ އެވެ.

އެ ފިޔަވަޅުތައް ނާލައިފިނަމަ އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ލަފާކުރެވޭކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށާ އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.