English Edition
Dhivehi Edition

އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހުޅުމާލޭގެ 3 ރޫޓަކުން ސްކޫލް ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ރޯދަ މަސް ނިމެންދެން މިހާރު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އާރު 7 އަދި އާރު 8 ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަ ކުރެވިފައިވާ ބަހެއް އޮންނާނެ ކަމަށެވެ. އެ ބަސް ދަތުރު ފަށާނީ ހެނދުނު 8:05 ގައި ކަމަށާއި 7:50 އިން ފެށިގެން ހިޔާ ފްލެޓް ސްޓޮޕް އެކެއްގައި އެ ބަސް ތައްޔާރަށް އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ ރަމަޟާންމަހު ކުދިންނާ ބެލެނިވެރިން ގިނަ ވަގުތު ބަހަށް މަޑުކުރަން ނުޖެހި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ރޫޓް 6ގައިވެސް ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ ހުޅުމާލެ ފޭސް 2 އިން، ފޭސް 1 އަށް ދަތުރުކުރާ ބަހެކެވެ. މިބަސް ދަތުރުކުރާނީ ފޭސް 2 އިން ހުޅުމާލެ ފޭސް 1ގެ ސިންތެޓިކް ޓްރެކް ސްޓޮޕާއި، އަމީން އެވެނިއު ސްޓޮޕާ، 120ވަނަ ފްލެޓް ކައިރި ބަސް ސްޓޮޕަށް އެކަނި ކަމަށް އެމްޓީސީސީން ބުނެއެވެ.

ސްކޫލް ކުދިންނަށް ހާއްސަ ކޮށްފައިވާ މި ބަސްތަކުގައި ދަތުރު ކުރެވޭނީ ދަރިވަރުންގެ އިތުރުން ކޮންމެ ކުއްޖަކާއެކު ބެލެނިވެރިއަކަށެވެ.

މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650އަށް ގުޅުމުން މަޢުލޫމާތު ސާފްކުރެވޭނެއެވެ.