English Edition
Dhivehi Edition

މަޖިލިހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.

އޭނާ ސޮއި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ހާޒިރުގައި މުލިއާގޭގައެވެ.

އަލީ ހަމީދު ޖޭޕީ ދޫކޮށްލެއްވި ސަބަބެއް އޭނާ އަދި ވިދާޅެއް ނުވެ އެވެ.

އަލީ ހަމީދު ސޮއިކުރެއްވުމާއެކު، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 67 އަށް އެރީއެވެ.

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލައްވަން އިއުލާން ކުރެއްވުމާއިއެކު އެޕާޓީގެ އެކި މަޤާމުތަކުގައި ތިއްބެވި މެމްބަރުން އަންނަނީ ޖޭޕީން ވަކިވަމުން ނެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން މިހާރުވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމަވައި ޖުމްހޫރީ ޕާޓީ ދޫކޮށްލައްވާފަ އެވެ.