ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އައްޝައިޚް އިލްޔާސް މިހެން ވިދާޅުވީ 7 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ” أَفَلَا يَتَدَبَّرُونَ الْقُرْآنَ ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ.” މި މައުޟޫޢަށް ފޯރަމްގައި ތަޤްރީރުކުރެއްވީ އައްޝައިޚް އިލްޔާސް ޙުސައިން އަދި އައްޝައިޚް އަޡްމަތު ޖަމީލެވެ.
ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޝައިޚް އިލްޔާސް ވަނީ ރަމަޟާންމަހުގެ 11 ދުވަސް ވޭތުވެގެން ދިޔައިރު ތަޤުވާވެރިވެ، އަދި ތައުބާވުމަށް މަސައްކަތްކުރެވުނީ ކިހާވަރަކަށްތޯ ސުވާލުކުރައްވާފައެވެ.
ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް މާތްﷲ ދެއްވި ހަދިޔާއެއްކަމަށާއި އެފޮތް ކިޔަވައި އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ވިސްނާ ފިކުރުކުރުމާއިއެކު ޤުރުއާން ތިލާވަތު ކުރުމަކީ އީމާންކަން އިތުރުވެ، ހިތް ސާފުވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި ވިސްނާ ފިކުރުކޮށް ޤުރުއާން ތިލާވަތުކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާކަމަށް ވިދާޅުވިއެވެ.
އެފޮތަކީ އީމާންކަމުގެ އަހުލުވެރިންނަށް އުފާވެރިކަން ދެއްވާ ފޮތެއްކަމަށާއި މި އުފާވެރިކަން ލިބޭނީ ވިސްނާ ފިކުރުކުރުމާއިއެކު އެ ފޮތުގައިވާ އާޔަތްތައް ކިޔައި، އެގޮތަށް ޢަމަލުކޮށްގެންކަމަށް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން އީމާންތެރިކަން އިތުރުވާކަން ފާހަގަކުރައްވާ މިފަދަ މާތް މައްސަރެއް ނިމިގެންދާއިރު ހިތްތައް އަލިވެ، ދޫ ފަސޭހަވާންޖެހޭކަމަށާއި މިއީ އެކަމަށް އެންމެ ރަނގަޅު ފުރުސަތުކަމަށް ވިދާޅުވިއެވެ.
ދަރިވަރުންނާއި މުޚާތަބްކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ޢަމަލުކުރަންޖެހޭ ގޮތާއި ޢަމަލުކުރަން ނުޖެހޭ ކަންތައްތައް ބަޔާންވެގެންވާކަމަށެވެ. އެހެންކަމުން އެފޮތް ވިސްނައިގެން ކިޔަވަން ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ޤުރުއާން ދިރާސާކޮށް ޤުރުއާން ތިލާވަތުކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވެ، ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ފޮތަށް ހަޤީޤީ މާނައިގައި އެނބުރި ރުޖޫޢަވާން ޖެހޭކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.