ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓުގައި ބޭނުން ކުރުމަށް އޭޓީއާރް މަރުކާގެ އިތުރު ފްލައިޓެއް ގެނެސްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާދީއްތަ ދުވަހު މެންދުރުގެ ވަގުތެއްގައި ޖެއްސި މި އޭޓީއާރަކީ 600-42 މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ ކުރިން ގެނައި ދެ ބޯޓަށް ވުރެ ކުޑަ ބޯޓެކެވެ. މިއީ 48 ޕަސެންޖަރުން އުފުލޭ ބޯޓެކެވެ. މޯލްޑިވިއަނުން ބުނީ މި ފްލައިޓުގެ ދަތުރުތައް ރަސްމީކޮށް ފެށޭނީ ފްލައިޓު ގެންނަ މުއްދަތުން ފެށިގެން މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.
މޯލްޑިވިއަނުން މީގެ ކުރިންވެސް ވަނީ އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓު ރާއްޖެ ގެނެސްފައެވެ. ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ ޖެނުއަރީ 22 ވަނަ ދުވަހުއެވެ.
މި ތިން ބޯޓު ގަތުމަށް އެ އެއަރލައިނުން 925 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި ފައިސާ ދައްކަން ހަމަޖެހިފައިވަނީ ލޯނެއްގެ އެހީގައެވެ.
މޯލްޑިވިއަންގައި މިހާރު ބޭނުންކުރަނީ ޑޭޝް-8 މަރުކާގެ ބޯޓެވެ. އެ ކުންފުނީގެ އަމާޒަކީ ޑޭޝް-8 މަރުކާގެ ބޯޓު ފްލީޓު ބޭނުންކުރުން ހުއްޓާލައި އޭޓީއާރް މަތިންދާ ބޯޓު ފްލީޓެއް ގާއިމްކުރުމެވެ. މީގެ އެންމެ މައިގަނޑު ސަބަބަކީ ޑޭޝް މަރުކާގެ ބޯޓުތައް އުފެއްދުން ހުއްޓައިލުމުގެ ސަބަބުން އެ ބޯޓުތަކުގެ މެއިންޓެނެންސްއަށް ބޭނުންވާ ސްޕެއާތައް ނުލިބުން ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ. އާ މަތިންދާބޯޓުތަކެއް ގެންނަން ނިންމީ މޯލްޑިވިއަން އިން މިހާރު ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތައް ބާވެ، އޭގެ މެއިންޓަނެންސްގެ ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލްއަށް ވެސް ބުރޫއަރާފައިވާ ދަނޑިވަޅެއްގައެވެ. އަޑުމަޑުވެފައި ތެލަށް ކުރާ ހޭދަ ކުޑަ ކަމަށް ފާހަގަ ކުރެވޭ މި އާ ބޯޓުތަކާއެކު މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23އަށް ވުރެ ގިނަ ބޯޓު އެބައޮތެވެ. މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.
މޯލްޑިވިއަންގެ ޑޭޝް މަރުކާގެ 9 ބޯޓު ވިއްކާލަން ނިންމައި، އެ ގަންނާނެ ބަޔަކު ހޯދަން އޮތީ އިއުލާން ވެސް ކޮށްފަ އެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އެންމެ ގިނަ މަތިންދާ ބޯޓު ގެންގުޅޭ ކުންފުންޏެވެ.