ސްޕެނިޝް ލީގުގައި ރޭ އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗުން މޮލުވެ ޕޮއިންޓް ތާވަލްގެ އެއްވަނާގައި 15 ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ނަގައިފިއެވެ.
ރޭގެ މެޗުގައި އެލްޗޭގެ މައްޗަށް ބާސާއިން ކުރި ހޯދީ 0-4 ގެ ނަތީޖާއިންނެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ 27 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލަށް ވަނީ 26 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.
އެލްޗޭ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ލެވަންޑޯސްކީ އެވެ. މިއީ ޖޯޑީ އަލްބާގެ އެހީތެރިކަމާއި އެކު ލެވަންޑޯސްކީ ކާމިޔާބު ކުރި ގޯލެކެވެ.
ބާސެލޯނާ އިން އެޓީމުގެ އަނެއް ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި އުފެއްދި ކައުންޓަ އެޓޭކެއްގައި އަންސޫ ފާޓީ ވަނީ ހުސްކޮށް އަރާ ތިރިތިިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި، ބާސެލޯނާ އަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 66 ވަނަ މިނިޓްގައި، ގަވީ ދިން ބޯޅައަކަށް އަރައި، ލެވަންޑޯސްކީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހި އެވެ. މިއީ ލެވަންޑޯސްކީ މި ސީޒަނުގައި ޖެހި 17 ވަނަ ގޯލެވެ.
މެޗުގެ 70 ވަަނަ މިނިޓްގައި ބާސެލޯނާގެ ފަހު ގޯލު ޖެހީ ފެރާން ޓޮރޭޒް އެވެ. ލެވަންޑޯސްކީ ދިން ބޯޅައެއް ހިފައިގެން އޭރިއާ ރޮނގުމަތީގައި ހުރެފައި، ރަނގަޅު ވަގުތު ބަލާފައި، ފެރާން ޓޮރޭޒް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.