English Edition
Dhivehi Edition
އާބަންކޯ ގެ އޮފީސްޢިމާރާތް

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން “އާބަންކޯ” އަށް ބަދަލުކޮށް ކުންފުނި ރީބްރޭންޑު ކޮށްފި އެވެ.

އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކުރުމަށްފަހު އެކަން އިއުލާންކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގަ އެވެ. މިބަދަލާއެކު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ލޯގޯ އާއި ނަން ވެސް މިހާރު ވަނީ އާބަންކޯ އަށް ބަދަލު ކޮށްފަ އެވެ.

އެ ކުންފުނީ ބުނީ އާބަންކޯ ވެގެން ދާނީ މިހާރު ކުންފުނިން ދޭ ޚިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށާއި އަދި ބްރޭންޑް ތަރައްގީކުރީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ އާބަންކޯ ކަމަށް ބަލައިގެން ކަމަށެވެ.

ކުންފުންޏަށް މިގެނައި ބޮޑު ބަދަލާއެކު އެކުންފުނީގެ އާ މޯބައިލް އެޕްލިކޭޝަން ތަޢާރަފްކޮށް އެ އެޕް މެދުވެރިކޮށް ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެޗްޑީސީ އަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި ތަނެކެވެ. އޭގެ ފަހުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކޮށް، ހުޅުމާލެ ޕްލޭންކޮށް، ތަރައްގީކުރީ އެ ކުންފުނިންނެވެ. ފަހުން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން އަށް ބަދަލުކުރުމަށްފަހު މިހާރު ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި ވެސް ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ.