English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލް ދެވަނާގައި މެންޗެސްޓަރ ސިޓީން ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. އުފެއްދި ކައުންޓަރ އެތޭކެއްގައި ލަނޑުޖަހާ ލިވަޕޫލަށް ލީޑު މަގައިދިނީ މުޙައްމަދު ސަލާހުއެވެ. ސަލާހުގެ މި ލަނޑަށްފަހު ސިޓީން ކުޅުން ވަރުގަދަ ކުރިއިރު، އެތީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 27 ވަނަ މިނެޓުގައި ޒުވާން ފޯވާޑް އަލްވާރޭޒްއެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި ސިޓީން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޖެހީ ކެވިން ޑެ ބުރޭނާއެވެ. އޭގެ ހަމިނިޓް ފަހުން ސިޓީގެ ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ ގުންޑޮގާންއެވެ. ސިޓީގެ ފަހު ލަނޑު ޖެހީ ގްރީލިޝްއެވެ.

މިމޮޅާއެކު ސިޓީން ވަނީ އެއްވަނައިގައި އޮތް އާސެނަލްއާ ފަސް ޕޮއިންޓަށް ކައިރިކޮށްފައެވެ. އާސެނަލް އެއްވަނަައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާއިއެކުއެވެ. ސިޓީ އޮތީ 28 މެޗުން 64 ޕޮއިންޓާއިއެކުއެވެ.