ރަށުގައި ތިބިގެން ޓީޗަރުންނަށް މަތީތައުލީމް ހާސިލް ކުރެވޭނެ ނިޒާމެއް މިއަދު ތައާރަފްކޮށްފިއެވެ.
“އެޑިއުދާލް” ގެ ނަމުގައި މިއަދު ތައާރަފް ކުރެއްވި “އީލާނިން” ޕްލެޓްފޯމް ތައާރަފް ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.
މިއީ ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) އާއި ޔުނިސެފް ގުޅިގެން އުފެއްދި ޕްލެޓްފޯމެކެވެ.
މި ޕްލެޓް ފޯމް ތައާރަފް ކޮށްދެއްވުމަށްފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ “ދެހާސްފަނަރަ ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަންފަށާފައިވާ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ދަށުން، ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ، ސިފަތަކާއި ޤާބިލިއްޔަތުތައް އަށަގެންނެވުމަށް، ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ދޭންޖެހޭ މުހިއްމު ތަމްރީނުތަކެއް ހިންގަންފެށުނު،” ކަމަށެވެ.
އެ ތަމްރީންތައް ކުރިއަށް ދިޔައިރު ދިމާވި އެންމެބޮޑު ހުރަހަކީ ރާއްޖޭގެ ރަށްތައް ކަނޑުގެ އެ ކިސަރަހައްދުތަކަށް ބައިވެފައިއޮތުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަން އެހެން އޮތުމުގެ ސަބަބުން ތަމްރީން ދިނުންވެގެންދިޔައީ ޚަރަދު ބޮޑު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. “އެހެންކަމުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ތަމްރީނު ހިންގޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ ކޮންމެހެން ބޭނުން ކަމެއްކަން އަޅުގަނޑުމެންނަށް ވިސްނުނު،” މިސްޓަރ ވިދާޅުވިއެވެ. ހަމަ އެގޮތަށް ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސް، ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭ ކަމަށްވެސް ގަބޫލު ކުރެއްވުނުކަމަށްވެސް ވިދާޅުވިއެވެ.
“މި ދެންނެވި ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް، މުޅި ރާއްޖޭގެ 20 އަތޮޅު ޓެލެކޮންފަރެންސިންގ ވިއުގައަކުން ގުޅާލައި، ކިޔަވައިދިނުމާއި ތަމްރީނު ހިންގުމުގައި މި ދެންނެވި ވަސީލަތް ބޭނުންކުރަންފެށުނު. މިގެ ނަތީޖާއަކަށްވީ ތަމްރީނު ހިންގުމުގައި ކުރެވޭ ޚަރަދު 78 ޕަސެންޓަށް ކުޑަވުން،” އަލަށް ތައާރަފްކުރެއްވި ޕްލެޓްފޯމާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އީލާނިން ތަމްރީންތައް ދުނިޔޭގައި މިހާރު އަންނަނީ އާންމުވަމުންނެވެ. “އެހެންކަމުން ތަމްރީނު ހޯދުމަށް، ދަތުރުކުރުމުގެ ބަދަލުގައި، އެ މީހަކާ ހަމައަށް ތަމްރީނު ހަމަކޮށްދިމުނުމަކީ މިއަދު އެންމެން ގަބޫލުކުރާ އަސާސެއް،” މިނިސްޓަރ ވިދާޅުވިއެވެ.
އީލާރނިންގެ ސަބަބުން، ތައުލީމަށް ދުނިޔޭގައި އޮތްފުރުސަތުތަކަށް ވަރަށް ބޮޑު ހަމަހަމަ ކަމެއް ގެނުވައިފި ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. “ރާއްޖޭގައިވެސް އިންޓަރނެޓަކީ މިއަދު އާއްމުވެފައިވާ އަދި އާއްމުކޮށް ބޭނުން ކުރާ އެއްޗެއް.. އެއީ އާބާދިގެ 71 އިންސަތަ މީހުން އިންޓަރނެޓް ބޭނުން ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކާ. މި ސަބަބުތަކަށްޓަކައި ތައުލީމް ފޯރުކޮށްދިނުމަށްޓަކައި އީލާރނިންގ އަކީ ރާއްޖެއާ ވަރަށް އެކަށީގެންވާ އަދި ބޭނުންތެރި މީޑިއަމް އެއްކަމަށް އަޅުގަނޑު ޤަބޫލްކުރަން،” މިނިސްޓަރ ވިދާޅުވިއެވެ.