”ހޫމް ހޫމް ވާނެ ވާނެ ލޯބީގަ ތިޔަހެންވެސް! ދާން އަޔާންއާ ދިމާކޮށްލިއެވެ. ” އަހަރެންވެސް މިހިތަށް އަރަނީ މިޔަށްބާއޭ ލޯބި ކިޔަނީ… އެހެން ކަމަށް ވާނަމަ ހަމަގައިމުވެސް މަށަށް ލޯބިވެވިއްޖެ! އަޔާން އަނެއްކާވެސް ޖަޒުބާތުގައި ޖެހުނެވެ. ” ސާބަސް ނޫނޭ ވަރެއްވެއްޖެ! ތިޔަ އަންހެންކުއްޖާ އަކީ ދުނިޔޭގަ ހުރި އެންމެ ނަސީބުގަދަ އަންހެންކުއްޖާކަން ޔަޤީން! އަޔާން ކަހަލަ ހީވާގި ރަނގަޅު، ހެޔޮލަފާ މީހުން ވަރަށް މަދުވާނެ! ” ތިޔަވަރަށް އަހަންނަށް ތަޢުރީފު ނުކުރޭ! އެސްފީނާ ޖެހިދާނެ! ” ހައްހައްހާ… ދެމީހުން އެއްފަހަރާ ހިނިގަނޑެއް ޖަހާލިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ދުނިޔެމައްޗަށް ހޫނުކަން ވެރިވަމުން ދިޔައެވެ. މީހުންގެ ހޭލަމޭލަ އަޑުތައް ގަދަވާން ފެށިއެވެ. އަޔާންއަށް ހޭލެވުނީ ދޮރުގައި މީހަކު ތަޅާއަޑަށެވެ. ހޮނިހިރު ދުވަހަށް ވުމުން ފަތިސްނަމާދުކޮށްގެން އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ދޮރުހުޅުވާލިއިރު ހުރީ ދާންއެވެ. ” ސާބަހޭ ހާދަ ބާރަކަށް ދޮރުގަ ތި ތަޅަނީ،، މީހަކު މަރުވީތަ؟ ނިދިމޯޅީގައި ހުރި އަޔާން ދާންއާ ދިމާއަށް ބުންޏެވެ” މީހަކު މަރެއް ނުވެޔޭ،، މަށޭ މަރުވީ،، ހާސަރު ނުދަމާ ހިނގާބަލަ ބުރެއްޖަހާލަން،، ހިތުގެ ރާނީ ދެކޭހިތުން ރޭގަ ނުވެސް ނިދުނު.. އިރުއަރަންދެން ބަލަންޖެހުނީ ހުވަފެން.. ” ސާބަހޭ ދާން ތިޔަހުރީ ލޯބީގަ އެންމެ މަތީ ވައިރަސް ޖެހިފައެއްނު! ބޭރުގަ މަޑުކޮށްލާ އެބަ އަންނަން ތައްޔާރުވެލައިގެން… އަޔާން ކޮޓަރިއަށް ވަނެވެ.
ސައިކަލުގައި އަޔާން އިނީ ދުއްވާށެވެ. ދާން އިނީ ފަހަތުގައެވެ. ދެމީހުންވެސް ތިބީ އަވިއައިނު އަޅާފައެވެ. ރަށުގެ ބޮޑެތިހެން ހީވާ މަގުތަކުގައި ހަމަ ދުއްވަނީއެވެ. ދާން ބޭނުންވާ މޫނު ފެނޭތޯއެވެ. އެކަމަކު އަދި ހަމަ ފެންނަ ގޮތެއް ނުވިއެވެ. މާޔޫސްކަމާއެކު ދެމީހުންވެސް މިސްރާބުޖެހީ ކޮފީޝޮޕާ ދިމާއަށެވެ. ކޮފީޝޮޕް ހުންނަ މަގަށް ދެމީހުން ސައިކަލުގައި ވަތްއިރު ކަމަކު ދާކަށް ނެތެވެ. އެތައް ބައިވަރު ބަޔަކު ވަނީ ކޮފީ ޝޮޕް ކުރިމައްޗަށް ވާކަހަލަ ގޮތަކަށް އެއްވެފައެވެ. އެއްބަޔަކު ރޯއަޑު އިވެއެވެ. އަނެއްބަޔަކު އަވަހަށް އެމްބިޔުލަންސަށް ގުޅާށޭ ކިޔާ އަޑު އިވެއެވެ. ދާން އަނެއްކާ ކިހިނެތްބާވީ ! ހިނގާބަލަ އަވަހަށް! ޔަޤީން ކޮންމެވެސް ބޮޑުކަމެއް ވެއްޖެ!
މީހުންތައް ފަޅަމުން އަޔާންއާ ދާން އެންމެ އެތެރެއަށް ވަނެވެ. އެއާއެކު ފެނުނު މަންޒަރުން ދެމީހުންނަށް ހުއްޓެވުނެވެ. އަޔާންއަށް ބަލާލެވުނީ ދާންގެ މޫނަށެވެ. ދާން ހުރީ ގަބުވެފައެވެ. ހަރަކާތްތެއް ވެސް ގެންނަށް ނޭނގިފައެވެ. އިރުކޮޅަކުން ދާންގެ ބަޑިފަޅައިގެން ދިޔައެވެ. މަންމާ! ބައްޕާއޭ ކިޔާފައި ރޮއިގަނެފިއެވެ. ދާންގެ މަންމައާ ބައްޕަ އެވަނީ ލެއިން ތަތްތެޅިފައެވެ. ދެކަކޫ މައްޗަށް ތިރިވެ ދާން ފަހަރަކު މީހަކަށް ގޮވަމުން ދިޔައެވެ. ” މަންމާ!! ބައްޕާ!! ކިހިނެތްތަ ވީ؟ ” ބާރަށް ދުއްވާފަ އައި ޕިކަޕެއްގަ ޖެހުނީ! އެތަނުން މީހަކު ބުންޏެވެ. ދާންއަށް ބާރަށް ރޮއިގަނެވުނެވެ. އަވަހަށް އެމްބިޔުލަންސަށް ގުޅައިދީބަލަ ހެޔޮނުވާނެ! ދާން ބާރަށް ހަޅޭލަވައިގަތެވެ. އަޔާން މަޑުމަޑުން އައިސް ދާންގެ ކޮނޑުގައި އަތް އަޅާލިއެވެ. ” އަޔާން” ދާން އަނެއްކާވެސް ބާރަށް ރޮއިގަތެވެ.
” ހިޔެއް ނުވޭ ފުރާނަ ހުރިހެނެއް! އެއްވެސް ޙަރަކާތެއް ނެތް! އެތަނުން އެކަކު ބުނިއަޑު އިވުނެވެ. ” ނޫން ނުވާނެ ތިހެނެތް އަހަރެންގެ މަންމައާ ބައްޕަ މަރެއް ނުވާނެ،، އަޔާން އަވަހަށް އެމީހުން ހޮސްޕިޓަލަށް ގެންގޮސްދީބަލަ،، އަހަންނަކަށް މިހާރު ވާނުވާއެއް ނޭނގެ،، މޫނުމައްޗަށް އަނދިރިވޭ އެބަ…! ” ދާން ހިތްވަރުކުރޭ،،، މިވަގުތު އެންމެ ހިތްވަރު ކުރަންޖެހޭނީ ދާން،، އިރާދުކުރެއްވިއްޔާ ބޭބެއާ ދައްތައަށް އެއްވެސް ކަމެއް ނުވާނެ! ދާންގެ މަންމައާ ބައްޕަ ހޮސްޕިޓަލަށް ގެނެވިއްޖެއެވެ. އެމެޖެންސީ ރޫމަށް ވައްދައިފިއެވެ. ރަށުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ޚަބަރު އިސާހިތަކު މުޅި ރަށަށް ފެތުރިއްޖެއެވެ. އެތައް ބަޔަކު ހޮސްޕިޓާ ކައިރިއަށް ޖަމާވެއްޖެއެވެ. ރޯމީހުން ރޮނީއެވެ. މިޚަބަރު ނައިނާއަށްވެސް ލިބުނެވެ. ޝާނީއަށް ގުޅައިގެން ދެމީހުން ހޮސްޕިޓަލަށް އައެވެ. ނައިނާއަކީ މީހުނަށް ވަރަށް ހެޔޮ މީހެކެވެ. މީހުނާ ދޭތެރޭ ވަރަށް ބޮޑަށް ހަމްދަރުދީ ވާ މީހެކެވެ. އެމެޖެންސީ ކޮޓަރިން ޑޮކްޓަރު ނުކުތެވެ. ދިވެހި ޑޮކްޓަރެކެވެ. ދޮރާ އެންމެ ކައިރީގައި ހުރީ ދާންއާ އަޔާންގެ މަންމައާ އަޔާންއެވެ. ޑޮކްޓަރު މަންމަ ..ބައްޕަ…. ދާން އަވަސްއަވަހަށް އެހިއެވެ. ” މިތަނަށް ގެނައި އިރުވެސް ފުރާނައެއް ނެތް! މަޢާފުކުރޭ ހިތްވަރުކުރާތި! ޑޮކްޓަރު އެހެން ބުނުމާއެކު ދާން ބާރަށް ހަޅޭލަވައިގަތެވެ. އެއާއެކު އޭނާ ވެއްޓެން ދިޔައެވެ. އަޔާން އޭނާ ހިފެހެއްޓިއެވެ. ހޮސްޕިޓަލުގެ އެނދެއްގައި ބޭއްވިއެވެ.
ދާންގެ މަންމައާ ބައްޕަގެ ކުއްލި މަރުގެ ޚަބަރާއެކު ރަށުގެ ވަރަށް ގިނަ ބަޔަކަށް މާޔޫސްކަން ލިބިގެން ދިޔައެވެ.މުޅިރަށް ކަހަލަ ގޮތަކަށް އެހިތާމައިގައި ބައިވެރިވަމުން ދިޔައެވެ. ހޮސްޕިޓަލުން މަރުސާބިތު ކުރުމަށް ފަހު ޖަނާޒާގެ ކަންކަން ފެށުމަށް އާއިލާއާ ޙަވާލުކުރިއެވެ. އޭރު ދާން އަޔާންގެ އެހީގައި މަޑުމަޑުން ހިނގާފައި ހިނަވާގެއަށް ވަންނީއެވެ. ހުދު ފޮތިގަނޑަކުން ނިވާކޮށްފައިވާ އޭނާގެ މަންމައާ ބައްޕަގެ މޫނުބަލާލުމަށް ދާން އެތެރެއަށް ވަނެވެ. އެއާއެކު އަނެއްކާވެސް ދާންގެ ބަޑިފަޅައިގެން ދިޔައެވެ. މިފަހަރު އަޔާންއަށްވެސް ހަމަ ބާރަށް ރޮވުނެވެ.” އަޔާން މަންމައާ ބައްޕަ ހަމަ އަހަރެން އެކަނިކޮށްފައި ދިޔައީތަ! ހެނދުނު އަހަރެން ގެއިން ނުކުތްއިރު އެދެމީހުންވެސް ތިބީ ގަދަފަދަކޮށް! މިހާރު …. ދާންއަށް ހަމަ ރޮވެނީއެވެ. ދާންގެ މަންމައާ ބައްޕަގެ ކުއްލި ވަކިވުމުގެ ސަބަބުން ދާންއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.
ހިނަވާގެ ކައިރިއަށްވެސް ނައިނާ ދިޔައެވެ. އަޔާން ފެންނަފަށުގައި އަބަދުވެސް ހުންނަން ބޭނުންވެސް ވާތީއެވެ. އަދި ދާން އެއީ ކާކުބާއޭ ނައިނާ ހިތަށް އަރަމުން ދިޔައެވެ. އަޔާން އެހާ ގާތުގައި އުޅެނީ ކީއްވެބާއޭ ސުވާލު އުފެދެމުން ދިޔައެވެ. އާބާދީ ބޮޑު ރަށަކަށް ވުމުން ނައިނާއަށް ނޭނގޭ މީހުން ވަރަށް ގިނައެވެ. އެކަމަކު އަޔާންގެ އެހީތެރިކަން އެމީހަކަށް ލިބެމުންދާތަން ފެނުމުން ނައިނާގެ ހިތުގައި އަޔާންއަށް އޮތްލޯބި އިތުރަށް ބޮޑުވިއެވެ.
ކަށުކަމާކެމީގެ އެންމެހައި ކަންތައްތައް ނިމިއްޖެއެވެ. އެންމެ އިސްކޮށް އުޅުނީ އަޔާންއާ އޭނާގެ އެންމެގާތް އެކުވެރި ނާމީއާ ދެންތިބި ރައްޓެހިންނެވެ. ދޭތެރެ ދޭތެރެއިން ދާންގެ ހެޔަށް ގޮތްވެއެވެ. އެހެންވެ އޭނާ ބަލަން އަޔާންގެ މަންމައާ ހަވާލުކުރުމަށް ފަހު އަޔާން އުޅުނީ ބޭބެއާ ދައްތަގެ ވަޅުލުމުގެ ކަންތައްތަކުގައެވެ. ޖަނާޒާގެ ހުރިހާ ކަމެއްނިމުނުއިރު މެންދުރު ދޭއްވެސް ޖަހައިފިއެވެ. ގަބުރުސްތާނުން ދާން ނެރެންޖެހުނީ ގަދަކަމުންނެވެ. ހަމަރޮނީއެވެ. ގެއަށް ނުދާންވެގެނެވެ. މައިންބަފައިން މަތިން ހަނދާންވާނެޔޭ ކޔާފައި ރޮނީއެވެ. އަޔާން ވަރަށް ނަސޭހަތްދިނެވެ. ކޮންމެ އިންސާނަކުވެސް މަރުގެ ރަހަ ދެކޭނެ ކަމެވެ. މިއީ އިލާހީ ގާނޫނު ކަމެވެ. އަހަރެމެން އިންސާނުންނަށް އެކަމަކަށްބާރު ނުފޯރުވޭނެކަމެވެ. އޮތީ ކެތްތެރިވެ ހެޔޮ ދުޢާ ކުރުން ކަމެވެ.
އަޔާންގެ ނަސޭޙަތް ދާން ގަބޫލުކުރިއެވެ. އެކަމަކު ގިސްލެވެނީއެވެ. ވާނީވެސް އެހެންތާއެވެ. މަންމައާ ބައްޕަ ވަކިވެގެން އެދިޔައީ ހީވެސް ނުކުރާ ގޮތަކަށެވެ. ގަބުރުސްތާނުން ނުކުމެ ވަކިހިސާބަކަށް އާދެވުނުތަނާ އަޔާންއަށް ނައިނާ ފެނުނެވެ. ނައިނާގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން އަޔާންގެ ހިތުގައި ނައިނާއަށް އޮތްލޯބި ދެގުނައަށް ބޮޑުވިއެވެ. އަޔާން ބޭނުންވަނީ އެކަހަލަ އަންހެން ކުއްޖެކެވެ. އަބަދުވެސް އެހެންމީހުނަށް އެހީތެރިވާ އެހެންމީހުންގެ ކަންބޮޑުވުމުގައި ބައިވެރިވާ ކަހަލަ އަންހެން ކުއްޖެކެވެ. ހަގީގަތުގައި ވެސް ނައިނާއަކީ މީހުންނަށް ވަރަށް އޯގާތެރި އަންހެން ކުއްޖެކެވެ.
(ނުނިމޭ)