English Edition
Dhivehi Edition
ބިދޭސީން ގަވާޢިދަށް ފެއްތުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްގެ ތެރެއިން /ފޮޓޯ ޕޮލިސް މީޑިއާ

ރާއްޖޭގެ ޖުމްލަ އާބާދީގެ 3 ބައިކުޅަ އެއްބަޔަކީ ބިދޭސީންކަމަށް ބޯހިމެނުމުން ދައްކައިފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޢާންމުކޮށްފައިވާ ރާއްޖޭގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި ދިރިއުޅެނީ މުޅިއެކު 515122 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 382،751 ދިވެހިންނާއި 132،371 ބިދޭސީންނެވެ. އާބާދީގެ ގާތްގަނޑަކަށް 26 އިން ސައްތައަކީ ބިދޭސީންނެވެ. އެއީ ކޮންމެ 3 ދިވެއްސަކަށް 1 ބިދޭސީއެވެ. ރާއްޖޭގެ އާބާދީއަށް ވޭތުވެ ދިޔަ 9 އަހަރުގެ ތެރޭ އިތުރު ވެފައިވަނީ 44،317 މީހުންނެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެނީ 212،138 މީހުންނެވެ. އަތޮޅުތަކުގެ އާބާދީއަކީ 236،747 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުގައި 52،396 މީހުން ދިރިއުޅެ އެވެ.

މިހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީއެއް މިވަގުތު ދިރިއުޅެމުން އަންނަނީ އަތޮޅުތަކުގައެވެ. އެއީ އާބާދީގެ 46 އިން ސައްތައެވެ. މާލޭގައި ދިރިއުޅޭ އިންސައްތައަކީ 41 އެވެ. މިހިސާބުތަކުން އެނގޭގޮތުގައި މާލޭގައި ދިރިއުޅޭ އާބާދީ ވަނީ 2014 ގެ ބޯހިމެނުމަށް ވުރެން 2 އިން ސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އޭރު މާލޭގައި ދިރިއުޅޭ އާބާދީގެ ނިސްބަތަކީ 39 އިން ސައްތައެވެ.

އަތޮޅު ތެރެއިން އަދިވެސް އެންމެ ބޮޑު އާބާދީއެއް ރިކޯޑު ކުރެވެނީ އައްޑޫސިޓީއަށެވެ. ދެވަނައަށް ހދ. އަތޮޅެވެ.

9 އަހަރު ފަހުން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން މާލޭގެ އަވަށްތަކުން އެންމެ ގިނަ މީހުން ދިރިއުޅެނީ ހުޅުމާލޭގައެވެ. އެއީ، މާލެ ސަރަހައްދުގައި އުޅޭ މީހުންގެ 33 އިންސައްތަ އެވެ. ހުޅުމާލޭގެ އާބާދީ ވަނީ މިދިޔަ ނުވަ އަހަރުގެ ތެރޭ 16.82 އިންސައްތަ އުފުލިފަ އެވެ.

އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދަނީ އައްޑޫ ސިޓީގަ އެވެ. އައްޑޫގެ އާބާދީއަކީ 25،053 ކަމަށް ދައްކާއިރު ދެވަނައަށް އެންމެ މީހުން ގިނަ އަތޮޅު ކަމަށްވާ ހދ. ގެ އާބާދީއަކީ 22،534 އެވެ.

އަތޮޅުތަކުން އެންމެ އާބާދީ ބޮޑު ރަށަކީ އައްޑޫސިޓީ ހިތަދޫއެވެ. ހިތަދޫގެ އާބާދީއަކީ 13،745 އެވެ. ދެވަނައަށް އެންމެ އާބާދީ ބޮޑީ 10،251 މީހުންނާއެކު ކުޅުދުއްފުއްޓެވެ. މިލިސްޓުގެ 3 ވަނައިގައި އޮތީ 9166 މީހުންގެ އާބާދީއެއް އޮތް ފުވައްމުލަކެވެ. އެންމެ މީހުން މަދު ރަށްރަށުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ވ.ރަކީދޫ، އދ.ދިއްދޫ، އަދި މ. ރަތްމަންދޫ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 10،000 އަށް ވުރެ ގިނައިން މީހުން ދިރިއުޅެނީ މާލޭ އާއި، އައްޑޫސިޓީ ހިތަދޫއާއި، ކުޅުދުއްފުށީގައި އެކަންޏެވެ.