މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ ވަނީ ޓްވީޓު ކުރައްވާފަ އެވެ.
އެ ސިޓީގައިވާ ގޮތުން ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ދިވެހިރާއްޖެ އަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާކުރާނެ ގޮތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ގައުމުގައި ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިއަކީ ވެސް ރައީސް ސާލިހު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީން ރިޔާސީ ކެންޑީޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީން އިސްވެއޮވެ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެން އާޒިމް ވަނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށް އޭރުވެސް ވިދާޅުވެފަ އެވެ.
އާޒިމް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އާޒިމް ވަނީ ގާސިމާއެކު ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާއާ ދޭތެރޭ ބެހެއްޓެވި ގާތް ކަމަށާއި ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
އާޒިމް ޖޭޕީ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ މަގާމުތަކުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން މަގާމުން ވަކިކުރަމުންދާ ދުވަސްވަރެއްގަ އެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އަދި އެގްރޯނެޓުގެ އެމްޑީ ހާރޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި އެންވަޔަރްމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލަބީގު ވެސް ވަނީ ވަކިކޮށްފަ އެވެ.
ރިޔާސީ އިންތިޚާބާއިމެދު ޖޭޕީން ނިންމި ނިންމުމާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފަ އެވެ.