English Edition
Dhivehi Edition
31 ޖެނުއަރީ 2020ގައި ބޭއްވި ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި އަލީ އަމްޖަދު އެމްޑީޕީން ވަކިކުރީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަހުން ކަމަށް އަމްޖަދުގެ ވަކީލު ބުނެފިއެވެ،

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމަށް ސިވިލް ކޯޓަށް ޖުމްލަ ތިން މީހަކު ހުށަހެޅާފައިވާއިރު ކޯޓުން ބަލައިގަތީ އަލީ އަމްޖަދު ހުށަހެޅި މައްސަލައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ ފަސް ވަނަ ދުވަހު ތާވަލްކުރި ނަމަވެސް އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް ބުނެ އޭނާ ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ވަނީ ކޯޓުގައި ބުނެފައެވެ. އެ ދުވަހު މައްސަލަ މަޑުޖައްސާލީ މި މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވާން 10 ދުވަސް ދިނުމުގެ ގޮތުންނެވެ. މި މައްސަލައިގެ އަޑުއެހުމެއް އިއްޔެވެސް ތައާވަލްކޮށްފައިވާއިރު އިއްޔެގެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.

މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި އަމްޖަދަށް މައްސަލަ ހުށަނޭޅޭނެކަމަށް ބަޔާންކޮށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް އަމުޖަދުގެ ފަރާތުން ވަނީ ޖަވާބުދާރީވެފައެވެ. މި ގޮތުން އަމްޖަދުގެ ވަކީލު ވަނީ އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދު’ ބުނާގޮތުން ‘އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނަށް ކަން އެނގެން އޮންނަކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއަޕާސަން ހޮވުމަށް 14 މެއި 2022ގައި ބޭއްވި އެތެރޭގެ އިންތިހާބާ ގުޅިގެން އެމްޑީޕީއިން އާއްމުކުރި އެޕާޓީގެ މެންބަރުންގެ ވޯޓާސް ލިސްޓުގައި އަމްޖަދުގެ ނަން އޮތްކަން ފާހަގަކޮށް ވަކީލު ވިދާޅުވީ އަމްޖަދަކީ ޕާޓީގެ މެންބަރުކަމުގެ ހައިސިއްޔަތު އޮތް މީހެއްކަމަށް ބެލެވެން ނެތްކަމަށް އެމްޑީޕީން ބުނިނަމަވެސް، އެއީ ސައްހަ ވާހަކައެއް ނޫންކަމަށެވެ.

މީގެއިތުރުން މިއަދު އަމްޖަދުގެ ފަރާތުން ވަނީ ޕާޓީގެ މެމްބަރުކަން ގެއްލުވާލާފައިވާ މައްސަލަ އިސްްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ފޮނުވައިދިނުމަށް އެދުނު ސިޓީ އާއި އެ ސިޓީއާ އެކު އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ޝަކުވާ ފޯމު، އެމްޑީޕީއަށް ފޮނުވިކަން ދައްކުވާދޭ ލިއުންތައް ކޯޓަށް ހުށަހަޅާފައެވެ.