English Edition
Dhivehi Edition

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސިޓީ ކައުންސިލް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ އިޙްޔާ ޕްރޮގްރާމްގެ ފަހު ޖަލްސާ މިރޭ އޮންނާނެއެވެ.

މިރޭ އައްޑޫހައި ސްކޫލް ހޯލްގައި އޮންނަ މި ޖަލްސާ ގައި ކަނޑައެޅިފައިވާ މައުޟޫޢުތަކަށް ދީނީ ދަރުސް ދެއްވާނީ ޝައިޚު މުޙައްމަދު އަނީލްއާއި ޝައިޚް އިލްޔާސް ޖަމާލްއެވެ.

ރަމަޟާން މަހަށް ޚާއްސަ ކޮށްގެން އައްޑޫސިޓީ ޑަބްލިއުޑީސީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން މިރޭ ބާއްވާ ޖަލްސާގައި މި އިޙްޔާ ޕްރޮގްރާމް ހިންގުނު އެހެން ރޭރެއަށްވުރެ ޚާއްސައިނާމްތަކެއް ކަނޑައެޅިފައިވާ ކަމަށް ޑަބްލިއުޑީސީން މަޢުލޫމާތު ދެއްވައެވެ. އެގޮތުން މިރޭ ގުރުއަތުން ހޮވޭ 1 ފަރާތަކަށް ޢުމްރާ ދަތުރެއް ވެސް ހަމަޖެހިފައިވެއެވެ. މިއިނާމަކީ މުސާފިރު ޢުމްރާ ގްރޫޕުން ދީފައިވާ އިނާމެކެވެ. ޢުމްރާ ދަތުރުގެ އިތުރަށް މުސާފިރު ގްރޫޕުން ވަނީ އެ ޖަމާޢަތުގެ ޙަވާލުގައި ޢުމްރާއަށް ދިއުމަށް މިރޭގެ ޖަލްސާގެ ތެރެއިން ބުކިން ހައްދަވާ ފަރާތްތަކަށް 500 ރުފިޔާގެ ޑިސްކައުންޓެއް ހަމަޖައްސާފައެވެ.

އިޙްޔާ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ކުއިޒްގެ އިތުރުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވޭތުވެ ދިޔަ ޕްރޮގްރާމްތަކުގައިވެސް ވަނީ ބޮޑެތި އިނާމްތައް ދީފައެވެ. މި އިޙްޔާ ޕްރޮގްރާމް ކުރިއަށްދަނީ ދީނީ މަޢުލޫމާތާއި ސުވާލާއި ޖަވާބުގެ އިތުރުން ދީނީ ކަންކަމަށް ހޭލުންތެރި ކުރުމާއި ގުޅޭ މަޝްވަރާ ހިމަނައިގެން ކުރިއަށްދާ ފޯރަމެއްގެ ގޮތުގައެވެ.

މިއީ ރަމަޟާންމަސް ހެޔޮ ގޮތުގައި ވޭތި ކުރުމުގެ ފުރުޞަތު ހޯދައި ދިނުމާއެކު ދީނީ ޝިޢާރު ފާޅުކޮށް ދީނީ ކަންކަމަށް މީހުން އަހުލުވެރި ކުރުވުމުގެ މަޤްޞަދުގައި އައްޑޫސިޓީޑަބްލިއުޑީސީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދަނީ އައްޑޫސިޓީގެ ސްކޫލްތަކާއި ވިޔަފާރިވެރިންނާއި ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރި ކަމާއެކުކަން ޑަބްލިއުޑީސީން ފާހަގަ ކުރައްވައެވެ.

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް މިރޭ ބާއްވާ މި ސިލްސިލާގެ އެންމެ ފަހު ޖަލްސާއަށް އައްޑޫސިޓީގެ ހުރިހާ އަވަށެއްގެ މީހުންނަށް ޑަބްލިއުޑީސީން ދައުވަތު އަރުވައެވެ.