English Edition
Dhivehi Edition

ރާއްޖެ އަށް ކުނި އެތެރެކުރުން މަނާކުރުމަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާހު ހުށައަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ގާނޫނަށް މި އިސްލާހު ހުށަހެޅެއްވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނި މެނޭޖުކުރުމުގެ ޤާނޫނެއް އެކުލަވާލާ ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ގާނޫނު މިހާރު އޮންނަގޮތުން ނަމަ މަޝްރޫޢުތައް ހިންގުމުގެ ބޭނުމަށް ރާއްޖެއަށް ކުނި އެތެރެކުރެވޭނެއެވެ. އެގޮތުން ކުނި އެތެރެކުރެވެނީ އެންވާރަމަންޓް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ގާނޫނުގައި އޮންނަގޮތުން މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން މަނާ ވާނެ އެވެ.

ރާއްޖެ އަކީ ކުނި މެނޭޖްކުރުމުގައި ދަތިތައް ހުރި ގައުމަކަށް ވާއިރު، ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ގާނޫނެއް ފާސްވެގެން ދިއުމަކީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމެކެވެ. އެހެންވެ އެންވާރަމަންޓް މިނިސްޓްރީން އޭރު ވެސް ވަނީ ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ބުނެފައެވެ.

މިއަދުގެ ޖަލްސާގައި މެންބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ބަޔާންކޮށްފަ އެވެ. މި އިސްލާހުގެ އިތުރުން ވެސް ބިލުގައި ވަނީ ބައެއް މާއްދާތަކަށް ކުދިކުދި ބަދަލު ގެންނަން ހުށަހަޅައިފަ އެވެ. އެގޮތުން ކުނި މެނޭޖުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ޓެސްޓްކޮށް ސަރޓިފައިކުރާނެ ޤަވާއިދުތައް އެކުލަވާލުން ހިމެނެއެވެ. އަދި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމްކުރާ ސަރަހައްދުތައް ކަނޑައެޅުމަށް ތިމާވެށީގެ ގޮތުންބަލަންޖެހޭ މިންގަނޑުތައް އެކުލަވާލާ އާންމުކުރުމާއި، ކުނި މެނޭޖުކުރުމުގެ ޤައުމީ މާސްޓަރ ޕްލޭން ތަންފިޒްކުރުންވެސް ސަރުކާރުން ހުށައެޅުއްވި އިސްލާހުގައިވެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭއައް ކުނި އެތެރެކުރުމާ ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްކުރުމެވެ. އަދި ދިވެހިރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްކަމުގައި ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަކީވެސް މި ބިލު ހުށައެޅުއްވުމުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވެއެވެ.