މިފްކޯގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެ ކުންފުނިން ވިސްލްބޯލް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ.
މިފްކޯ އިން ބުނީ ވިސްލްބޯލް ކުރާ ނިޒާމުގެ ބޭނުމަކީ ކުންފުނީގެ މުދަލާ ފައިސާ އަދި އެހެނިހެން ވަސީލަތްތައް ރަނގަޅަށް ބަލަހައްޓާ ބޭނުންކުރުން ކަމަށެވެ. އަދި ކުންފުނީގެ އޮޕަރޭޝަނުގައި، ކުންފުންޏަށް ގެއްލުންވާނެހެން އުސޫލުތަކާ ހިލާފަށް އެތެރޭގައި ހިންގާ ކަންކަން ކުންފުނީގެ އިންޓާނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރަން މަގު ފަހިކޮށްދިނުން ކަމަށެވެ.
މިފްކޯ އިން ބުނީ ވިސްލްބޯލް ކުރާ ނިޒާމުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންގެ އިތުރުން އާންމުންނަށްވެސް މައްސަލަ ހުށަހެޅޭނެކަމަށާ އެ ނިޒާމުގެ ތެރެއިން މައްސަލަ އެއް ރިޕޯޓްކުރާ ފަރާތުގެ ވަނަވަރު ނޭގޭގޮތަށް އެނޮނިމަސްކޮށްވެސް ރިޕޯޓްކުރެވޭނެކަމަށެވެ.
މި ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަ އިންތިޒާމެއްވަނީ ހަމަޖައްސާފައެވެ. މި ގޮތުން ވިސްލްބޮލޮވާ ނިޒާމަކީ ކުންފުނީގެ މެނޭޖްމަންޓުގެ ބޭރުން، އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއަށް ރިޕޯޓްކުރެވޭ ގޮތަށް އެކުލަވާލާފައިވާ ނިޒާމެއް ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.
މިފްކޯ އިން ވިސްލްބޯލްކުރުމަށް އެކުލަވާލި ނިޒާމުގެ ތެރެއިން އެ ކުންފުނީގެ ވެބްސައިޓަށް ވަނީ ހާއްސަ ލިންކެއް އިތުރުކޮށްފައެވެ.މިފްކޯ އިން ބުނީ މި ނިޒާމުގެ ތެރެއިން މައްސަލަ އެއް ހުށަހަޅާއިރު ހުރިހާ ތަފްސީލަކާއެކު ހެކިވެސް ހުށަހެޅަންޖެހޭކަމަށެވެ.