އައްޑޫ ސިޓީ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅިގެން މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވާތީ އެ އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އައްޑޫގައި މަސްވެރިން ކުރިއަށްގެންދާ އިހުތިޖާޖާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން އިހުތިޖާޖު ކުރިއަށް ގެންދިއުމުގެ ފުރުސަތު އެ މުއައްސަސާއިން ދީފައިވާނެ ކަމަށެވެ. އަދި މި އިހުތިޖާޖާ ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންސްތަކަށް ހުރަސް އެޅިފައިވުމާ އެކު، އެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
“އަމަން ގާއިމުކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން ވެސް އެއްބާރުލުންދީ ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދެން” ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އިހުތިޖާޖު ކުރުމުގައި އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާއި ގަވައިދުގެ ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމުކޮށް މަސްވެރިންނަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ.
މި މުޒާހަރާއާ ގުޅިގެން މިފްކޯއިން ބުނީ މި ދުވަސްވަރަކީ މަސްނުބާނާ ދުވަސްވަރަކަށް ވާތީ ބާކީ ނުދެވި ހުރި ފައިސާއަށް އެހާ ބޮޑު އަދަދެއް އިތުރުވެފައިނުވާ ކަމަށެވެ.
މަސްވެރިންނަަށް ފައިސާ ނުލިބި އޮތް މައްސަލާގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ނުދީ އޮތް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ މިފްކޯ އިން މިދިޔަ ހަފްތާގައި ވަނީ ދީފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށެވެ. އެކަމަކު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އަދި އުނދަގޫ ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.