English Edition
Dhivehi Edition

ރިޔާސީ އިންތިޚާބާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން ނޫސްވެރިންނަށް ތަމްރީން ކޯސްތަކެއް ހިންގަނީ ކަމަށް ދޭހަވެ ފެތުރެމުންދާ ވާހަކަތަށް ދޮގުކޮށް، އެކަމުގެ ތަފްސީލް އެ ކޮމިޝަނުން ހާމަކޮށްދީފިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އިންތިހާބަށް ލަފާ ދޭ ގައުމީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ތަމްރީނެއް ދިނުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރިޔާސީ އިންތިޚާބަކީ ބޭރު ގައުމުގެތަކުގެ ނޫސްވެރިންވެސް ރާއްޖެ އައިސް ކަވަރ ކުރާ އިންތިޚާބަކަށް ވާއިރު، ފާއިތުވެދިޔަ ބައެއް އިންތިޚާބުތަކުގައި ހަމަނުޖެހުންތައް ހިނގުމާއި އެފަދަ ކަންކަމަށް އަލިއަޅުއްވާލައްވާ ހަބީބް ވިދާޅުވީ އެކަންކަން ހިނގަނީ ނޫސްވެރިންގެ ދައުރު ފުރިހަމައަށް ކިޔައިދެވިފައި ނެތީމަ ކަމަށެވެ. އެހެންވެ ނޫސްވެރިންނަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޝަނުން ނޫސްވެރިންނަށް ތަމްރީން ޕްރޮގްރާމް ހިންގުމާއި މެދު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިއްޔެ ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ، އެ ކޮމިޝަނުން ނޫސްވެރިންނަށް ކޯހެއް ހިންގަން މަސައްކަތްކުރަނީ ނޫން ކަމަށެވެ.

“މިއީ އެއްގޮތަކަށް ވެސް “ސީއެންއެން މީހުންނާއި ބީބީސީގެ ނޫސްވެރިންނަށް ކޯސް ހިންގާ ވާހަކައެއް ނޫން”

ހަބީބު ވިދާޅުވީ ބޭނުމަކީ ނޫސްވެރިންނަށް އިންތިޚާބެއްގައި ހަރަކާތްތެރިވާއިރު ސުލޫކީ މިންގަނޑާއި ދަރުއު އަންގައިދީ ބުނެދިނުން ކަމަށެވެ. އަދި ކޮމިޝަނުން ކުރަނީ ވެސް އެކަން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ ވިސްނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިޚާބުތަކުގައި ރާއްޖޭގެ ހުރިހާ މީޑިއާއަކުން ވެސް ބައިވެރިވާއިރު، މި ފަހުން ރާއްޖޭގައި ބޭއްވުނު އެކި އިންތިޚާބުތަކުގައި އެކިވަރުގެ ހަމަނުޖެހުން ހިންގުމާއި، އެކި މައްސަލަތައް ފެންމަތިވެފައިވެއެވެ. އިންތިޚާބުތަކުގެ ސައްހަ ކަމާއި މެދު ސުވާލު އުފެއްދުމާއި، އިލެކްޝަންސް ކޮމިޝަނާ މެދު އާންމުންގެ މެދުގައި އިތުބާރުކުޑަވެ އުފެދޭ މިފަދަ ހަމަނުޖެހުންތައް ކުޑަކުރުމަށް އެ ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދެފުށް ފެންނަ އިންތިޚާބެއް ބޭއްވައި، އެކަމުގައި ނޫސްވެރިން ވީހާވެސް ބޮޑަށް ބައިވެރިކުރުމަށް ކޮމިޝަނުން މަސައްކަތްކުރާ ކަމަށް ކޮމިޝަނުން މީގެ ކުރިން ވެސް ބުނެފައިވެއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ތާވަލްކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.