English Edition
Dhivehi Edition

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އުމުރުން 38 އަހަރު ވިޔަސް އަދިވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ޕޯޗުގަލް އަށް އުފަން މިހާރު އިޓަލީގެ ރޯމާއަށް ކޯޗުކޮށްދެމުން އަންނަ ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ ބުނީ އުމުރުން 38 އަހަރުގައިވެސް ރޮނާލްޑޯ ދައްކަމުން އަންނަ ކުޅުމާއި މެދު މުޅި ދުނިޔެ ހައިރާން ވެއްޖެ ކަމަށާއި އެއީ ދެވަނައެއް ނެތް މޮޅު ކުޅުންތެރިއެއް ކަމަށެވެ.

މޮރީނިއޯ ބުނީ މި ހިނގާ 2023 ވަނަ އަހަރުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހިކަމުގެ ރެކޯޑް ވެސް އޮތީ ރޮނާލްޑޯއަތުގައި ކަމަށާއި ދުނިޔޭގައި މިވަގުތު މޮޅެތި އެތައް މިލިއަން ކުޅުންތެރިންނެއްގެ ތެރެއިން ރޮނާލްޑޯ އަށް މި އަހަރުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހިކަމުގެ ރެކޯޑް އޮތުމަކީ އަދިވެސް ރޮނާލްޑޯ އާއި އެއް ފެންވަރުގެ ކުޅުންތެރިޔަކު ދުނިޔޭގައި ނެތްކަން ހާމަވާ ކަމެއް ކަމަށެވެ.

މޮރީނިއޯ ބުނީ ރޮނާލްޑޯ ޔޫރަޕް ފުޓްބޯޅައަށް އެނބުރި އަންނަން ބޭނުން ނަމަ އަބަދުވެސް އެ ފުރުސަތު އޭނާގެ ޓީމުން ރޮނާލްޑޯއަށް އޮންނާނޭ ކަމަށެވެ.

” ރޮނާލްޑޯ އަކީ މޮޅު ހުނަރުވެރިއެއް. 38 އަހަރުގައިވެސް އެ ދައްކަނީ މޮޅު ކުޅުމެއް. އެއީ ވަރަށް ތަފާތު ކުޅުންތެރިއެއް. މުޅި ދުނިޔެ ހައިރާން ކޮށްލައިފި. އަހަރެންގެ ޓީމުން ރޮނާލްޑޯއަށް އަބަދުވެސް ފުރުސަތު އޮންނާނެ.” މޮރީނިއޯ ބުންޏެވެ.