English Edition
Dhivehi Edition

ރުޚޫ އާދައިގެމަތީން ހަވީރު ގަޑީގައި ގޭމެއް ކުޅެން އިނެވެ. އޭރު ނީލް އައިސް ގެޔަށް ވަންނަނީއެވެ. އޭނާ އައީ ބާޒާރު ކޮށްގެންނެވެ. އޭނާ އައިސް ވަންކަމެއް ރުޚޫއަށް ރޭކާވެސް ނުލައެވެ. އެހެންވެ ސިޓިންގ ރޫމުގައި ސޯފާއެއްގައި އިށީނދެލައިގެން އިނދެލުމަށްފަހު އޭނާ ކަރުކެހިލިއެވެ. ދެފަރަހަރެއްގެ މަތީން އަޑެއް ލައްވާލުމުން ރުޚޫ އިސްއުފުލާ ބަލާލިއެވެ. އޭރު ނީލް ގެނައި ކޮތަޅުތައް އޭނާގެ ކުރިމަތީގައި ބިންމަތީގައި ހުއްޓެވެ.

“ތީ ކޮން ކަމެއް؟” ރުޚޫ ހައިރާންވެފައި އަހާލިއެވެ. “ތީ ކޯނޗެއް؟”

“މީ ކައްކަން ބޭނުންވާ ސާމާންތަކެއްނު؟”

“ކީއްކުރަން ކޯނޗެއް ކައްކަން؟” ރުޚޫ ރުހޭކަމެއް ހެނެއް ހިޔެއްނުވިއެވެ.

“އަބަދު އަބަދު އޯޑަރ ކޮށްގެން ކާއެއްޗެހި ގެނަސްގެން ކާނެކަމެއް ނެތެއްނު؟” ނީލް އޭނާ ކުރަން އުޅޭ ކަންތައް ބުންޏެވެ.

“ގޭގައި ކައްކާ ކާއެއްޗެހި މާ މީރުވާނެ ނު؟” ރުޚޫ ވަރަށް ނުރުހިއްޖެއެވެ.

“ކައްކާނީ އަހަރެން.” އަވަހަށް ނީލް ބުނެލިއެވެ. “މިރޭ އޯޑަރ ކުރާނެ ކަމެއް ނެތް.”

“ރުޚޫ ތިޔަ ކުޅޭ ޕަބްޖީއެއް ކުޅެން އިނދޭ.”

ނީލް އޭނާ ގެނައިތަކެތި ހިފައިގެން ބަދިގެއަށް ވަދެއްޖެއެވެ.

ނީލް ތަރުކާރީ އާއި މަސްތައް ކޮށާ ނިންމާލާފައި ހުރިހާ ތަކެތި ތެއްޔަށް އަޅަން ހުއްޓާ ރުޚޫ ވަދެއްޖެއެވެ.

“ތި ދެން ކިހާ ބޭކާރު މަސައްކަތެއް ތި ކުރަނީ.”

“ ކެއްކުމަކީ ކޮން ބޭކާރު ކަމެއް؟ ކޮންމެ މީހަކުވެސް ކާން ޖެހޭނެ ނު؟”

“މިޒަމާނު ކާކަށް ކައްކާކަށް ކޮންމެހެން ނުޖެހޭނެނު؟”

“ކޮންމެ ޒަމާނެއްގަ ވެސް ކައްކަން އެނގެންވާނެ. ކައްކަން ނޭނގޭ ނަމަ މީހަކަށް ނުވާނެ.”

ރުޚޫ ހަމަ ކުއްލިއަކަށް ރުޅި އަތުވެއްޖެއެވެ. “ތިޔަ ބުނީ މަށަކީ މީހެއް ނޫނޭތަ؟”

“އެހެންނެއް ނޫން މިބުނަނީ” އަވަހަށް ރުޚޫގެ ރުޅި މަޑުކުރެވޭތޯ ނީލް އުޅެގަތެވެ.

“މިބުނީ ކޮންމެ މީހަކަށްވެސް ކައްކަން އެނގެންވާނެޔޭ.”

“މަށަކަށް ނޭނގޭ ކައްކާކަށް. އެހެންވީމަ ތިބުނަނީ މަށަކީ މީހެއް ނޫނޭ އެއްނު.”

“އަހަރެން އެހެން ބުނީ ތިޔަ މާނައެއްގައެއް ނޫން.” ނީލް އުނދުން މައްޗަށް ތެލި އުދާލާފައި ރުޚޫއާ ދިމާލަށް ކުރިމަތިލައިފިއެވެ.

“އަހަރެންގެ ގެޔަކު އަންހެން ކުއްޖަކު ނުހުރޭ. އެހެންވެ ކަންނޭނގެ މަންމަ ކައްކަން ހުންނަ އިރު އަހަރެން ލައްވާ ބަދިގޭގެ ކުދިން ކަންތައް ކުރުވީ. މަންމައަށް ވެސް އެހީވާން ޖެހޭނެ ދޯ؟ އަހަރެން އެގޮތަށް މަސައްކަތް ކުރަމުންގޮސް މަންމަ ކައިރިން ކައްކަން ވެސް ދަސްކުރީ.”

“ދެން މިހާރު ނީލް އަކީ ތީ މީހެއްނު. މަށަކަށް ނޭނގޭ ކައްކާކަށް. އެހެންވީމަ މަށަކީ އެއްވެސް މީހެއް ނޫނެއްނު؟”

ރުޚޫ ހުރީ ހަމަ ރަނގަޅަށް ވެސް ރުޅިގަދަވެފައެވެ. ނީލް ތެލީގައި ހުރި އެއްޗެހި ހަލާލާފައި އައިސް ރުޚޫގެ ކައިރީގައި ހުއްޓިއްޖެއެވެ.

“ރުޚޫ ރުޅި މަޑުކޮށްބަލަ. އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ.”

“ކޮންމެހެނެއް ބުންޏަސް ބުނެ ނިންމާލައިފިއެއްނު.”

ރުޚޫ އެތަނުން ނުކުމެންގެން ދާން ހިނގައިގަތުމުން ނީލް އައިސް އޭނާގެ ފަހަތުން ބައްދާލަން އުޅުނެވެ. ހަމައެއާއެކު ކުއްލި ހަރަކާތަކާއެކު ނީލްގެ އަތުތެރޭން އޭނާ ފޮޅުވިގަތެވެ. އެއާއެކު ނީލް ވިއްސައިގެން ގޮސް ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ.

“އަހަރެން ބުނީމެއްނު ކުރީގައިވެސް އަހަރެން މީ ބްލެކް ބެލްޓެކޭ.”

ރުޚޫ އެނބުރި ބަލާވެސްނުލާ ސިޓިންގް ރޫމުގެ ސޯފާގައި އިށީނެވެ. އަދި ކުޅެން ގެންގުޅުނު ޖޯއި ސްޓިކް ނަގާފައި ހޫރާލިއެވެ.

ރުޚޫ އަކީ ރުޅި އައިއްސިއްޔާ ގަދަޔަށް ރުޅި އަންނަ ކުއްޖެއްކަން ނީލްއަށް ވިސްނުނެވެ. އޭނާ ތެދުވެ ބަދިގޭގައި ކުރަމުން ގެންދިޔަ ކަންތައް ކުރިޔަށް ގެންދިޔައެވެ.

ރުޚޫ އިނީ ރޯށެވެ. މޭޒުގައި ބޯޖަހައިގެން އެހެން އެތައް އިރަކު ރޯން އިނެވެ.

ނީލް ކައްކާ ނިންމާލާފައި ދެމީހުންނަށް ކާން ހަދާލާފައި އައިސް އެއްވެސް ކަމެއް ނުވާ ފަދައަކުން ރުޚޫ ގާތު ކާން ހިނގާށޭ ބުންޏެވެ.

“ ކަލޭ ތިޔަ ރޮނީތަ؟” ނީލް ވަރަށް ގާތް ރާގަކަށް ބުންޏެވެ. “ރޯނީ ކުޑަކުދިން. ހިނގާ އަވަހަށް ކާން ދާން. ރުޚޫ ރޯވަރުގެ ކަމެއް އަހަރެން ނުކުރަން. ނުވެސް ކުރާނަން. އާދޭ އަވަހަށް.” ނީލް ރުޚޫގެ ކޮނޑުގައި ހިފާ ތެދުކޮށްލިއެވެ.

ރުޚޫ ނުހަނު މައިތިރި ކަމާއެކު ފުށަތުން ކަރުނަ ފޮހެލާފައި ނީލްއާއެކު ބަދިގެއަށް ވަދެއްޖެއެވެ.

“އެނގޭތަ. މިއަދު ބޮސް އަހަރެންނާ ދިމާއަށް އެއްޗެހި ގޮވީ. އެހެންވެ ކަންނޭނގެ އަހަރެން އެހާ ރުޅިގަދަ ވެފަ ހުރީ.”

“އެއީ ކީއްވެ ބޮސް އެއްޗެހި ގޮވަންވީ؟ ރުޚޫ އެއްވެސް ކަމެއް ގޯސްކޮށް ކުރީތަ؟”

“ނޫން. މީހެއްގެ ނަން ނުބައިކޮށް ކިޔުނީ.”

ނީލް އެކަމާ ހީނގަތެވެ. ރުޚޫ އޭނާއާ ދިމާއަށް ފެންތަށި ހޫރާލަން އުޅުނެވެ.

“ ރުޚޫ ހަމަ ޖެހިބަލަ. އަބަދު ކުޑަ ކުއްޖެއްހެން ނޫޅެ ބަލަ. މިހާރު ތީ ބޮޑު ކުއްޖެއްނު. މީހަކާ އިންނަ ވަރުގެ.”

އެއީ ރުޚޫ އެންމެ ބިރު ގަންނަ ކަންތަކެވެ. “ނޫޅެން މީހަކާ އިންނާކަށެއް.”

“އެކަމަކު ރުޚޫ އިންނަން ބުނެގެންނެއްނު އަހަރެން މިގެޔަށް އައިސް މިހާ ދުވަހު މިއުޅުނީ؟”

“އަހަރެން ބުނިންތަ އިންނާނެމެކޭ؟ މަގޭ ކުރެން ނީލް އިންނަން އެހިންތަ؟”

“އެކަމަކު ރުޚޫ އިންނާނެ ކަމަށް ނޫންތަ އަހަރެން ރުޚޫއާއެކު އެއްގެެއެއްގަ މި އުޅެނީ؟” ނީލް ހާސްވާ ގޮތް ވިއެވެ.

“މަންމަމެންގާތު އަހަރެން މިގޭގައި ރުޚޫއާއެކު އުޅެން އަންނަވާހަކަ ދެއްކީވެސް އެ ޔަގީން ކަމާއެކު.”

“އަހަރެން އެންމެ ފަހަރަކުވެސް ނީލް ގާތު އިންނާނަމެކޭ ނުބުނަމެއްނު.”

“އެކަމަކު މިހާރު މިއޮތްހާ ދުވަހު އެކީ އުޅެފާ އެކަކު އަނެކަކު ދަސްވީމާ ރުޚޫ ތިހެން ބުނީތީ އަހަރެން އެބަ ހައިރާންވޭ. އަހަރެންގެ ފަރާތުން ރުޚޫއަށް ފެނުނީ ކޮން ގޯހެއްތަ؟”

“އަހަރެން އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. ނީލް ދެން ދާން އުޅޭ މިގޭން .”

ނީލް ވަރަށް ދެރަވެފަ ހަދާނެގޮތް ހުސްވެފައި ހުއްޓެވެ.

“ހަމަ އަސްލުގައިވެސް ރުޚޫ އަހަރެން ފޮނުވާލަނީތަ؟”

“ނީލް މާ ސްމާޓްވާން އުޅޭނެ ކަމެއްނެތް. މީ އަހަރެންގެ ނިންމުން. ނީލް އައިސްހުރީ ދެހަފްތާއަށް. މާދަމާ މީ ދެހަފްތާ ހަމަވާ ދުވަސް. އޭގެ ފަހުން ނީލް ދާންވީ. މިގެޔަކު އިތުރަކަށް ނީލްއަކަށް ނުހުރެވޭނެ.”

“އެކަމަކު އަހަރެން….” އަނެއްކާވެސް ނީލް ވާހަކަ ދައްކަން އުޅެންފަށައިފިއެވެ.

“ނީލް އަހަރެން ބުނެފީމެއްނު؟ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެެ.”

“ރުޚޫ ރުޅި ނާދެބަލަ. އަހަރެން ހިނގައިދާނަން. ”

ނީލް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ރުޚޫ އޭނާ ދާތަން ބަލަހަށްޓައިގެން ރޮވިފައި އިނެވެ.

އެއީ ރީތި އިރުއޮއްސޭ މަންޒަރެކެވެ. ބެލްކަނީއިން އެމަންޒަރު ވަރަށް ރީއްޗަށް ފެންނަން ހުއްޓެވެ. ނީލް އޭނާގެ ދަބަސް ހިފައިގެން އެތަނަށް ނުކުތެވެ.

“ރުޚޫ ވަރަށް ސޮރީ.” ނީލް ހުރީ ހަމަ ރީއްޗަށްވެސް ދެރަވެފައެވެ.

“ކޮންކަމަކަށް ސޮރީ؟” އޭރު ރުޚޫގެ ރުޅިވަނީ ކޮންމެވެސް ވަރަކަށް މަތަވެފައެވެ.

“އަހަންނަށް ބުނެވުނު ބަސްތައް ގޯސްވީމަ.”

“އެއީ އަހަރެންގެ ގޯސްކަމުންނެއްނު؟ އަހަރެން ލަހުން ހޭލާތީނު؟ އަހަރެންނަށް ކައްކަން ނޭނގޭތީނު؟ އަހަންނަށް ރަނގަޅަށް ކަންތައް ކުރާނެގޮތް ނުވިސްނޭތީނު؟”

“ އެއަކީ މުޅިއަކުން ރުޚޫގެ މައްސަލައެއް ނޫން. ކައްކަން ނޭނގެނީ ދަސްކޮށްދޭނެ މަންމައަކު ނެތީމަ. އެވަރު އަހަންނަށް އެނގޭ. އަހަރެންގެ މަންމަ އަކަށް ވެސް ކުރިއަކުން އެއްވެސް ކަމެއް ނޭނގޭ. ހުރިހާކަމެއް މަންމައަށް ކޮށްދިނީ މާމަ. އެކަމަކު މާމަ ނިޔާވީމަ އެހުރިހާ ކަމެއްވެސް މަންމަ ކުރަން ފެށި. މީހުންނާ އިނދެ ދަރީން ލިބުނީމާ ކޮންމެ އަންހެން ކުއްޖަކުވެސް މަސްއޫލިއްޔަތު އުފުލަން ދަސްކުރާނެ.”

ނީލް ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ރުޚޫ ބަދިގެއަށް ނުވަންނަން ސާލިމް އަމުރުކޮށްފައިވާ ކަމަށް އޭނާ އަހަރެން ގާތުގައި ބުނި.”

“މިހާރު ބޭބެއާ ވެސް މަޝްވަރާ ކުރީދޯ؟”

“އެއީ ވެސް ކުރެވުނު ގޯހެއް. އެކަމަކު އަހަރެން މިހާރު މިދަނީނު؟ ދެން މީގެ ފަހުން އަހަރެން ރުޚޫއަށް އެއްޗެހި ކިޔާކަށް ވެސް އުނދަގޫކުރާކަށް ވެސް ނާންނާނަން.

ގުޑްބައި…”

މިހެން ބުނެފައި ނީލް އެތަނުން ނުކުމެއްޖެއެވެ. އޭނާ ގޮސް އޮބާލަންދެން ރުޚޫ އެހުރި ފިޔަވަޅުމަތީ ގުޑާވެސް ނުލާ ބަލަހައްޓައިގެން ހުއްޓެވެ.

ރުޚޫގެ ޚިޔާލަށް ނީލް ނޫން އެއްޗެއް ނާދެއެވެ. އޭނާ ކުރާ ސަމާސާއެވެ. ކައްކަން އުޅޭ ގޮތެވެ. ހަމަހިމޭންކަމާއެކު އެއްޗެއް ނުބުނެ ހުންނަ ގޮތެވެ. އޭނާއަށް ބައެއް ފަހަރު ކޮށްލާ ޖެއްސުމެވެ. ބިރުވެރި ފިލްމު ބަލަން ނުކެރިގެން އުޅޭގޮތެވެ. އަދި ސޯފާގައި ބޭބީއެއްހެން ނިދާފައި އޮންނަ ގޮތެވެ.

މިހުރިހާ ޚިޔާލުތަކެއް އޭނާގެ ހިތަށް ވާރޭ ވެހޭހެން އޮހެމުންދާން ފަށައިފިއެވެ. ގޭގެ ހުސްކަމާއި ފޫހިކަން ހުރިހާ ދިމާއަކުން އޭނާ ފިއްތަމުންދާހެން ހީވިއެވެ. އެކަނިވެރިކަން އޭނާއަކަށް މީގެ ކުރިޔަކުން މިހާވަރަށް އިހްސާސްވެފައި ވެސް ނުވެއެވެ. ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ.

މިރެއަކު ގޭމެއް ކުޅުނަކަސް ފޫއްސެއް ނުފިލައެވެ. ފިލްމެއް ބަލާހިތެއް އަމުދުން ނުވިއެވެ. ނިދަން އުޅެއުޅެ ނިންޖެއް ވެސް ނައެވެ. އޭނާ ހަމަ ރަނގަޅަށް ހާސްވެއްޖެއެވެ.

“ބޭބޭ، ނީލް ހިނގައްޖެ.” އެންމެ ފަހުން އޭނާ ގޮތް ހުސްވެގެން ބޭބެއަށް ގުޅައިފިއެވެ. “އަހަރެން މިއުޅެނީ ނުނިދިގެން. ބިރުގަންނަނީ.”

“އެކަމަކު ރުޚޫ މިއޮތްހާ ދުވަހު ނުގަންނަ ބިރެއް މިހާރު ގަންނަންވީ ކީއްވެ؟ ގޭގެ ސެކިއުރިޓީ އަދިވެސް ހުރީ ހަމަ އެގޮތަކަށްނު. ވަށައިގެން އެހެރީ ކެމެރާތަކެއްނު؟”

“އާނ. އެކަމަކުވެސް.. “

“އަލުން ނީލް ގެންނަންވީ ދޯ؟”

“ނޫން، ނޫން. “

“އަހަރެން އެގެޔަށް ދިޔައިން. ނީލްގެ މަންމަ ސޯފިޔާއާ ވެސް ވާހަކަ ދެއްކިން. “

“ކީކޭ ބުނީ؟” ރުޚޫ ކުއްލިއަކަށް ސަމާލުކަން ދިނެވެ.

“ދެން ހަމަ އާދައިގެ ވާހަކަ. ސޯފިޔާއަކަށް ނޭނގޭ ކަލެއާ ބެހޭ އެއްވެސް ކަމެއް. ނީލް އެއްވެސް ވާހަކައެއް ނުދައްކައޭ ބުނީ. ބުނީ ކޮޓަރިއަކުންވެސް ނުނިކުމެޔޯ.”

ރުޚޫ ހިމޭން ކަމާއެކު އަޑުއަހަން ހުއްޓެވެ.

“ރުޚޫ، ދެން އަހަރެން ވެސް މިވާހަކައެއް ދައްކާކަށް ނެތީން. ކަލޭ ނީލްއާ ކާވެނި ކުރާކަށް މަޖްބޫރެއް އަހަރެން ނުކުރާނަން. އެއީ ކަލޭގެ އިޚްތިޔާރެއް.”

އެއީ ވިއްސާރަ ދުވަހެކެވެ. ރުޚޫ ޓެކްސީން ފައިބާފައި ކުޑަ ދަބަހެއް ހިފައިގެން ގޮސް މ. ރިވަރޑޭލްގެ ދޮރާށި ހިޔަލަށް ވަނެވެ. އޭނާ ނީލްގެ ނަމްބަރަށް ގުޅާލިއެވެ.
“އަހަރެން މިހިރީ އައިސް.”

ނިމުނީ