English Edition
Dhivehi Edition

ރުޚްސާނާ ވަރަށް ހަމަޖެހިލައިގެން ކޮމްޕިއުޓަރ ގޭމެއް ކުޅެން އިނެވެ. އޭނާ ވާހަކަ ދައްކަނީ އޭނާގެ ބޭބެ ސާލިމްއާއެވެ. “ކަލޭ ރޭ ބުނިއެއްޗަކުން އަހަރެން މިހިރީ ކިރިޔާ ހާރޓްއެޓޭކެއް ނުޖެހި.”

“ކީކޭ މަށަށް ބުނެވުނީ، ނީލް އަށް ދެހަފްތާވަންދެން މިގޭގައި އުޅެން ދައުވަތު ދިނީމަތަ؟”

“އާނ. ނުވެސް ދަންނަ މީހަކާއެކު ކޮއްކޮ އެހާ ގިނަ ދުވަސްވަންދެން އުޅޭ ވާހަކަ ދެއްކީމަ.”

ރުޚޫ ހީނގެންފައި ބުންޏެވެ. “ބޭބެ އަހަންނަކަށް އިތުބާރެއް ނުކުރަން ދޯ؟”

“އެއީ ކޮން ކަހަލަ މީހެއްކަން ކޮއްކޮއަކަށް އަދި ނުވެސް އެނގެއެއްނު؟”

“މިގެއަށް ކުލި ދީގެން އަންނަ މީހުން މަސް ދުވަހު ދެމަސްދުވަހު އެބަ އުޅެފައި ދޭ. އެމީހުން އަންނަ އިރަކުވެސް ކޮންކަހަލަ ބައެއް ކަމެއް ނޭނގޭ. ނީލް އައިސް ހުރުމުގެ ތަފާތަކީ އޭނާ ކުލި ނުދޭކަން.”

ރުޚޫ އޭނާ ހިފާލި ކޮޅެއް ދޫކޮށެއް ނުލާނެއެވެ. “އަހަންނަކަށް ބޭބެ ތި ދައްކާ ވާހަކައެއް ނުވިސްނުނު. ބޭބެ ތިޔަ ބުނަނީ އަހަރެން މީހަކާ އިންނާށޭ. އަހަރެންގެ އުމުރު މަތިވަމުން ދަނީއޭ. އެހެން މީހަކާ ގުޅުން އުފައްދާކަށް ނުބުނާނަމޭ. ވީ އިރު އަހަރެންގެ މުޅި އުމުރު އެމީހަކާއެކު ހޭދަ ކުރުމަށް ވިސްނާ މީހެއްގެ ކަންތައް ހުރިގޮތެއް ނުބަލަންވީ ކީއްވެ؟”

ސާލިމްވެސް އޭނާއަށް ރައްދު ދިނެވެ. “ ބަލަ މިހާރު ކަންތައް ހިނގާނީ އިނީމާ ކަންތައް ވާގޮތަކަށް ނޫނޭ. ދެހަފްތާއިން އެނގޭނީ ކޮންކަމެއް؟”

“ތިއެއްނު އަހަރެންވެސް މިބުނާ އެއްޗަކީ. ކޮންމެވެސް ވަރެއް ވާނެ ނު؟”

“އެންމެ ރަނގަޅު. އެކަމަކު ކިރިޔާވެސް ކޮއްކޮއާ ނަހަމަ ގޮތަކަށް ކަމެއް ހިނގާނަމަ ހަމަ ވަގުތުން އަހަރެން އެކަން ހުއްޓުވާނަން. އަހަރެން 24 ގަޑިއިރު ބަލަމުން ގެންދާނަން.”

“ހާހާ. ބޭބޭ. އަހަރެން އެއަށް ވުރެން މާ އަވަހަށް އެފަދަ ކަމެއް ހިނގާނަމަ ހުއްޓުވާނަމެއްނު؟”

“ތިހެންވީ އިރު އޭނާ އަންނާނެތަ؟ އޭނާ އަންނާނީ ކޮން އިރަކު؟”

މިހެން ބުނިތަނާ ބެލް ޖެހި އަޑު އިވިއްޖެއެވެ. “އެއައީ ކަންނޭނގެ.” ރުޚޫ އަވަސް އަރުވާލާފަ، “ދެން މިކަނޑާލީ” އޭ ކިޔާފައި ދޮރު ހުޅުވަން ހިނގައްޖެއެވެ.

ނީލް ހުރީ ހަމަ ކުރީ ދުވަހުހެން ރީއްޗަށް ފެންވަރާލައިގެން ތާޒާވެލައިގެންނެވެ. އޭނާ ލައިގެން ހުރީ ކުކުޅުބިސް ކުލައިގެ އަތްދިގު ގިރުއާނެއްނެތް ޓީޝާރޓެކެވެ. އޭނާގެ ކޮނޑުގައި ދަބަހެއް އަޅުވާފައި އޮތެވެ.

“އަހަރެންގެ ޣަރީބުޚާނާއަށް މަރުހަބާ!” ރުޚްސާނާ ހެމުންހެމުން ބުނެލިއެވެ.

ނީލް ވަށައިގެން ސިޓިންގ ރޫމް ބަލާލިއެވެ. ބޮޑު ސްކްރީން މޮނިޓަރުގައި ރުޚޫ ކުޅެން އިން ގޭމް ޕޯސްކޮށްފައި ހުއްޓެވެ. ދެފަރާތުގައި ވަރަށް އާދައިގެ ދެ ސޯފާ ހުއްޓެވެ. އަދި ކުޑަވަރެއްގެ މޭޒަކާ ގޮނޑި ތަކެއް ހުއްޓެވެ. މުޅިތަނުގައި އެތަން މިތަނުގައި ތަރުތީބެއް ނެތި އެއްޗެހި ބަހަށްޓާފައި ހުއްޓެވެ. “ހާދަ ރީތިކޮށް ބަލަހަށްޓާފައި ހުރި ސިޓިންގ ރޫމެއްދޯ މިއީ.” ނީލް ދިމާކޮށްލާ ގޮތަށް ބުނެލިއެވެ.

“ވަރަށް ހެއްވާ.” ރުޚޫ ރަކިވިއެވެ.

“އާނ. މަ ދޯ މި ހެއްވާ މީހަކަށްވީ. މި ދަބަސް ބަހައްޓަންވީ ކޮންތާކު؟”

“ކޮޓަރި ތެރޭގައި. ތިހިރީ ވާތްފަރާތުގައި ނީލްއަށް ހުރި ކޮޓަރި.”

“އޯކޭ ތިހެންވީ އިރު. އަހަރެން ދަބަސް ބަހަށްޓާލާފައި ނިދަން އޮށޯންނާނީ.”

“އެހާ އަވަހަށް؟”

“ދެން ކުރަން އޮތީ ކޮންކަމެއް؟ އަހަރެން މިއައީ ކައިގެން. ރުޚޫ ތިއިނީ ގޭމް ކުޅެން. ތިޔަކީ އަހަރެން ކުޅޭ އެއްޗެއް ނޫން. “

“އެންމެ ރަނގަޅު އެހެންވީ އިރު ދޭ. އާނ. ބުނަންތަ؟ ފާޚާނާ ފުލަޝް ކުރުމަށް ފަހު ދެވަނަ ފަހަރަށް ފްލަޝް ކުރެވޭނީ 5 މިނިޓް ފަހުން. “

“ތިޔަކު ނެތް މައްސަލައެއް. ތިން ފަހަރުވެސް ފުލަޝްކޮށްލަފާނަން. “ ނީލް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

ރުޚޫ އަނެއްކާވެސް އެއްޗެއް ބުނަން ބޭނުންވިއެވެ. “މިގޭގައި ހުންނާނެ ގަވައިދުތަކެއް.”

“ހެޔޮ ތިޔަ ގަވާއިދަކާ ޚިލާފެއް ނުވާނަން. ރުޚޫއަކަށް ދުއްތުރާލެއް ނުކުރާނަން.”

“މިބުނި ގަވައިދަކީ މިގެއަކު އެއްވެސް ގަވައިދެއް ނުހުންނާނެޔޭ. އެއްވެސް އެއްޗެއް ތަރުތީބަކުން ނުހުންނާނެޔޭ.”

ނީލް ވަކި ޖަވާބެއް ނުދީ ހީނލާފައި ދަބަސް ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ރުޚޫވެސް ހީނލާފައި ބޯހޫރުވާލުމަށްފަހު ގޮސް އޭނާ ގުޅެން އިން ގޭމް އަލުން ފަށައިފިއެވެ.

ނީލް އާދައިގެ މަތީން ހެނދު ހޭލައިގެން ތާޒާވެލައިގެން ގޮސް ފުރަތަމަވެސް ބެލީ ކޮފީއެއް ބޯލެވޭނެ ގޮތެކެވެ. އޭނާ ސިޓިންގް ރޫމަށް ނުކުމެ ބެލިއިރަކު ރުޚޫ ފެންނާކަށް ނެތެވެ. ރޭގައި ކުޅެން ޖައްސާފައި ހުރިގޭމް އަދިވެސް ހިނގަހިނގާ ހުއްޓެވެ. އޭނާ ޓީވީ ނިވާލާފައި ގޮސް ބަދިގެއަށް ވަނެވެ. ރޭގައި ކޭތަށި އަދިވެސް ނުދޮވެ ހުއްޓެވެ. އެއްޗެހި ހުރީ ތަރުތީބެއް ހަމައެއް ނެތިއެވެ. ހޯދާހޯދާވެސް އެއްވެސް ތާކުން ކޮފީއެއް ސަޔެއް ހަކުރެއް ކިރެއް ނުފެނުނެވެ. އެންމެ ފަހުން ގޮތް ހުސްވެގެން އޭނާ ގޮސް ރުޚޫގެ ކޮޓަރީގައި ޓަކިޖަހައިފިއެވެ. ދެތިން ފަހަރަކު ޓަކިޖަހާލި ފަހުން ރުޚޫ ދޮރު ހުޅުވާފައި ކުނިމޫނާއެކު ބޯ ދިއްކޮށްލިއެވެ.

“ކާކު؟ “ އޭނާ ލޯ ހުޅުވަން އުޅެމުން އަހާލިއެވެ.
“ދެން ކާކު؟” ނީލް ސަމާސާ ރާގަކަށް ބުނެލިއެވެ. “އަހަރެން މިއުޅެނީ ކޮފީއެއް ސައެއް ހަދާލެވޭނެ ގޮތެއް ނޭނގިގެން. “

“ ކޮފީއޭ، ސައޭ؟” ރުޚޫ ހައިރާންވެފައި އަހާލިއެވެ. “މިގަޑީގައި ކާކު ކޮފީބޮނީ؟”

“މިގަޑިއަކު ނޫންތަ މީހުން ކޮފީބޮނީ؟” ނީލް އަހާލިއެވެ. “

“އަހަރެން ތިއިން އެއްޗެއް ނުބޯތާ ކިތަންމެ ދުވަހެއް. މެންދުރުވީމަ އެއްޗަކަށް އޯޑަރު ދެނީ.” ރުޚޫ ލޯ އުނގުޅާލަމުން ބުންޏެވެ. “ބްރެކްފާސްޓަކަށް އޯޑަރުދީ. މާލަހެއް ނުވެ ގެންނާނެ. އަހަރެން ބިލް ދައްކާނީ.”

އޭނާ ހުރީ އަނެއްކާވެސް ނިދަން އަވަސްވެގެންފައެވެ. “އަހަރެން ނިދީ ވަރަށް ލަހުން. އަދި ނިދިހަމައެއް ނުވޭ.”

“ގުޑްނައިޓް.” އޭނާ ދޮރުލައްޕަން ފެށުމުން ނީލް ސަމާސާ ރާގަކަށް ބުންޏެވެ.

ނީލް ބޭރަށް ގޮސް އެއްޗެހިތަކެއް ގަނެގެން އަތުވެއްޖެއެވެ. އޭނާ ބަދިގެޔާއި ކޮޓަރިއާ ސިޓިންގް ރޫމާ ދެންވެސް ހަމައިންނެއްޓިފައިވާ ހުރިހާ ތަނެއް ހަމަޔަކަށް އަޅުވާ ސާފުކޮށް އަލުން ބަލުން އަތުރާލިއެވެ. މުޅި ހެނދު އެއްކޮށް މަސައްކަތްކޮށްގެން ނީލް މުޅި ފުލެޓް ނުހަނު ރީއްޗަށް ތަރުތީބުކޮށް ނިންމާލާފައި ލެޕްޓޮޕުން މަސައްކަތެއް ކުރަން ސިޓިންގ ރޫމްގައި ޖައްސާލިއެވެ. އެވަގުތު ދޮރުގެ ބެލް ޖެހި އަޑު އިވުމުން އޭނާގޮސް ދޮރު ހުޅުވާލިއެވެ.
އެއީ ޑެލިވަރީބޯއިއެވެ. މެންދުރުގެ ކެއުން ހިފައިގެން އައީއެވެ.

ނީލް އޭގެ އަގު އަހާލުމުން “މިއީ ކުރީގައި އަގު ދައްކާފައި ހުރި އެއްޗެކޭ” އޭނާ ބުންޏެވެ. ރުޚޫވެސް ބެލް ޖެހި އަޑަށް އާފުރެމުން ނުކުމެއްޖެއެވެ. އަދިވެސް އޭނާއަށް ހުރީ ނިދާ ހިތުން ހެން ހީވެއެވެ.

“ކީއްވެ ތިޔަ ހޭލީ.” ނީލް ސަމާސާކޮށްލިއެވެ. “7 ގަޑި އިރު ނިދަން ޖެހޭނެނު. “

ރުޚޫ ހޫނ އަޅުވާލާފައި ޕާރސަލްތައް ހިފައިގެން ބަދިގެއަށް ވަދެއްޖެއެވެ.

ހީވީ ބިރެއް ފެނިގެން އޭނާ ނުކުތް ހެންނެވެ. “މިތަނަށް މިއަދު ބޭބެ އައިތަ؟”

“ނާދޭ. ކީއްވީ؟” ނީލް އެނގޭ ކަމަކަށް ނުހަދާ އަހާލިއެވެ. “ މިބަދިގެ މިހާ ރީއްޗަށް ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެން. ތީނަ ދޯ؟”

“މަށޭ. މަކުރީ ކީއްތަ؟”

“ހޫން ވަރަށް ފޮނިވެސް ވާނެ. މީ ކޮންކަމެއް؟ “ ރުޚޫ ނުރުހޭކަމަށް ހެދުނެވެ. “އަހަރެން ހުރީ މިއަދު މިތަން ސާފުކުރަން ވަންނަން. އިއްޔެއަކު ނީލް އަންނާނެއެކޭ ހިޔެއް ނުކުރަން އަދި އެހެން ބުނެލިޔަކަސް. “

“ބަހަށް އަރައިފިއްޔާ ބަހުން ފޭބެންދެން އިންނަން ވާނީ ބަހުގައި ނު؟ އެއީ އަހަރެން ބުނާ ބަހާމެދު ވެސް ކަންތައް ކުރާ ގޮތަކީ؟”

ރުޚޫ ބަދިގޭން ދެތަށްޓާ އުލާސަމުސަލާ ވަޅިއާ ގެނެސްފިއެވެ.

މެންދުރު ފަސް ދެމީހުންވެސް ހޭދަކުރީ މުޅީންވެސް އެކުއެކީގައެވެ. ވާހަކަ ދެއްކުމާ ފޮތް ކިޔުމާ ގޭމް ކުޅުމުގައެވެ. ހަވީރު ފިނީގައި ޕާރކަށް ވެސް ޖައްސާލިއެވެ.

ރޭގަނޑު ކެއުމުގެ ފަހުން އޮތީ ފިލްމެއް ބެލުމެވެ. އެއީ ބިރުވެރި ފިލްމެކެވެ. އެހެންވެ ނީލް އޮންނަނީ ނުބަލަން ވެގެންނެވެ. “ހާދަ ފިނޑިއޭ ދޯ؟” ރުޚޫ ހެމުން އޭނައާ ސަމާސާ ކޮށްލައެވެ. އޭރު ނީލް ރަނގަޅަށް ސޯފާގައި އޮށޯވެ އޮތެވެ. ފިލްމް ނިމުނު އިރު އޭނާ އޮތީ ހަމަ ރަނގަޅަށް ނިދާފައެވެ. ރުޚޫ އެފިލްމު ނިމުނީމާ ފެށީ ގޭމް ކުޅޭށެވެ. ނިދަން ވަނުމުގެ ކުރީން އޭނާ ނީލްގެ ގައިމަތީގައި ރަޖާގަނޑެއް އަޅާލިއެވެ. އަދި ވަރަށް ލޯބި ގޮތަކަށް އޭނާއަށް ބަލާލާފައި ރުޚޫ ކޮޓަރިއަށް ވަދެއްޖެއެވެ.

ފަތިހު ދޫނިތައް ގޮވާ އަޑާއެކުއެކީހެން ރުޚްސާނާގެ ފޯން ރިންގުވާން ފަށައިފިއެވެ. “އޭ ރުޚޫ ނުތެދުވަނީތަ އަދިވެސް.” އެއީ އޭނާގެ ބޭބެ ސާލިމްގެ ކޯލެކެވެ. “އަހަރެން މިހިރީ ބޭރުގައި. ނުކުމެބަލަ.”

ރުޚްސާނާ އޭރު ހުރީވެސް ތާޒާވެލައިގެންނެވެ. ނިދީގެ އަސަރެއްވެސް މިއަދަކު ނެތެވެ. އޭނާ ނުކުތުމުން ބޭބެ އަހާލިއެވެ. ހުރިހާކަމެއް ވެސް ރަނގަޅުތަ؟ “

“އާނ. ރަނގަޅު.”

“އަހަރެން މިހުންނަކީ ކަލޭގެ ފަހަރި ގާތުގައިވެސް މިވާހަކަ ނުބުނެ.”

ސާލިމް ހުރީ ކަންބޮޑުވެފައެވެ. “އަނެއްކާ އޭނާ ކަލެއަށް އުނދަގުލެއް ކަމެއްކުރިތަ؟”

“ބޭބެ ކޮން ކަހަލަ ވާހަކައެއް ތިދައްކަނީ. “ ރުޚޫ ނުރުހިފަ ބުންޏެވެ. “އެއީ ނިކަން ރަނގަޅު ސީދާސާދާ މީހެއް ބޭބޭ.”

“އަހަރެން ހެނދުނު ބަލާލިއިރަކު އޭނާގެ ސައިކެއް ނެތް ގަރާޖަކު. “

“ކީކޭ ބޭބޭ.” ރުޚު ރުޅިމޫނު ހަދާލިއެވެ. “ބޭބެ އަހަންނަށް ފާރަވެސް ލަނީދޯ؟ ބޭބެ އަހަންނަށް އިތުބާރު ކުރާނީ ކޮންދުވަހަކު؟”

“ބަލަ ކޮއްކޮ ހަނދާންނެތީ ދޯ؟” ސާލިމް ވިސްނާދޭން އުޅުނެވެ. “ރުޚޫގެ މަންމައާ ބައްޕަ ތިބި ނަމަ މިހާރުވަރުގެ މިނިވަންކަމެއް ދޭނެ ތަ؟ ކަލޭ ހިލޭ ފިރިހެނަކާ…”

“ބޭބެ ހުއްޓާލާ ދެން ތިވާހަކަ.” ރުޚޫ ހަމަ ގަދައަށް ރުޅިއަތުވެއްޖެއެވެ. “މިހާރު މިދަނީ ދެހަފްތާ ނިމެން. ނީލްގެ ކިބަޔަކުން އެއްވެސް ގޯހެއް ނުފެނުނު. އޭނާ ބުނާ ބަހަކުންވެސް ކުރާ ކަމަކުން ވެސް. ހިލޭ ފިރިހެނެކޭ ބޭބެ ތިޔަ ބުނަނީ ކީއްވެ؟ މިހާރުވެސް ފިރިޔެކޭ ތަފާތެއް ނެތް. އެހާ ހެޔޮ. އެހާ އަޅާލާ.”

“ދެން އެހެންވީ އިރު ކާވެނީގެ ކަންތައް އަވަހަށް ނިންމަންވީނު؟”

“ތިކަމާ އުޅެވޭނީ ވެސް ބާކީ އޮތް މިއޮތް ދެދުވަހެއް ވެސް ނިމުނީމައެއްނު؟”

“ދެދުވަސް ނިމުނަސް ނުނިމުނަސް އަހަރެން މިދަނީ ފަހަރިއާ ވާހަކަ ދައްކައިގެން ތާރީޚެއް ކަނޑައަޅަން. “

“ބޭބޭ ނޫން.” ކާވެނީގެ ވާހަކަ ދެއްކީމާ ރުޚޫ ބިރުގެންފިއެވެ. “އަދި މަޑުކޮށްބަލަ. އަހަރެން ބުނަންދެން. “

ރުޚޫ އެންމެ ފަހު ވަގުތު ކޮންމެވެސް ބަހަނާއެއް ދައްކައިގެން ކާވެންޏަކާ ހަމަޔަށް ދިޔަ ނުދޭން މަސައްކަތް ކުރާނެކަން ސާލިމަށް އެނގެއެވެ.

“ނެތް ލަސްކުރެވޭކަށް.” މިހެން ކިޔާފައި ސާލިމް ނުކުމެގެން ބާރަށް ހިނގައިގެންފިއެވެ.

(ނުނިމޭ)